02 Feb 2012, 16:44
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މާފަންނު މާފުށީގޭ މަރިޔަމް ޝަފީގު އަނެއްކާވެސް އެމަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އެ އޭޖެންސީގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ބޯޑުގެ މެންބަރު ކަމަށް ވެސް މަރިޔަމް ޝަފީޤު ވަނީ އައްޔަން ކުރައްވާފަ އެވެ. އޭނާ ކުރިން ހުންނެވީ ކުރިން އޮތް އެންސްޕާގެ އެގްޒެކެޓިވް ޑިރެކްޓާގެ މަގާމުގަ އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސުކީމް ބޯޑުގައި ހިމެނިވަޑައިގެންނަވާ އެހެން ބޭފުޅުންނަކީ ބޮޑުގެ ޗެއާމަނަކަށް ސިއްހަތާ ބެހޭ ވުޒާރާ އިން މިނިސްޓަރު އޮފް ސްޓޭޓް ފޯ ހެލްތް އެންޑް ފެމިލީ އިބްރާހީމް ވަހީދެވެ. އަދި އެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާލީ ވުޒާރާ އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ މިނިސްޓަރުގެ ޓެކްނިކަލް އެޑްވައިޒާ އަލީ ޝަރީފާއި އިންޝުއަރަންސްގެ ދާއިރާ އިން މާފަންނު މަތިދޫ ދީނާ މޫސާ އާއި ސޯޝަލް ސެކިއުރިޓީގެ ކަންކަން ބަލަހައްޓާ ސަރުކާރުގެ އިދާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އެސިސްޓެންޓް ޑިރެކްޓާ ފާތިމަތު ސަހުދާ އާއި ފައިނޭންސާއި އިންވެސްޓްމަންޓްގެ ދާއިރާ އިން މައްޗަންގޮޅީ ދެދުނބުރިގޭ ހަސަން މަނިކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާ އިން ޑައިބެޓިކްސް އެންޑް ކެންސާ ސޮސައިޓީގެ ޑރ. އަބްދުލްމަލިކު އެވެ.
އެންސްޕާގެ ނަމުގައި ރައީސް ނަޝީދު އަލުން އިދާރާއެއް އުފައްދަވާފައިވަނީ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމްގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުންނެވެ.