ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ނިޒާމުން ގެއްލުވާލުމާ ގުޅިގެން ޝަރުއީ ނިޒާމާއި ސަރުކާރާ ދެމެދު އެޅިފައިވާ މަރުތަޅާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނަރު ޑީއެން މުލޭ ޖުޑިޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ ބައްދަލުކޮށްފި އެވެ.

ރާއްޖޭގެ ދާހިލީ މައްސަލައެއްގެ ތެރެއަށް އަމިއްލައަށް ވެދެވަޑައިގެން އިންޑިއަން ހައިކޮމިޝަނަރު ބައްދަކުކުރެއްވުން ފިޔަވައި ދެއްކެވީ ކޮން ވާހަކައެއް ކަމެއް ހައި ކޮމިޝަނަކުން ނުބުނެ އެވެ.

ނަމަވެސް ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ އިންޑިއަން ހައިކޮމިޝަނަރުގެ އެދިވަޑައިގަތުމަކަށް ޖޭއެސްސީގެ މެންބަރުންނާ ބައްދަލު ކުރެއްވީ އަބްދުﷲ ގާޒީ ސަރުކާރުން ހައްޔަރު ކުރުމާ ގުޅިގެން އުފެދިގެން އުޅޭ މައްސަލަތަކާ ގުޅިގެން ކަމަށެވެ.

އިންޑިޔާ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ ވިދާޅުވީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނާ ހައިކޮމިޝަނަރު ބައްދަލުކޮށް ވާހަކަތަކެއް ދެއްކެވި ކަމަށެވެ.

އިންޑިޔާ ހައިކޮމިޝަނުން އެދިގެން ބޭއްވި މި ބައްދަލުވުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހިމެނޭ އެއްވެސް މުއައްސަސާއަކާ ، ރާއްޖޭގައި ހުރި އެހެން ގައުމެއްގެ ޑިޕްލޮމެޓިކް މިޝަންއެއްގެ އޮފިޝަލުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.