ރައްޔިތުންގެ މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނިންމާއިރު، އެކަމުގެ ސަބަބު ބަޔާންކޮށްދީ ތަހުގީގެއް ހިންގަން ނުޖެހޭ ކަމަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ މަޖިލީހުގައި ކުރަމުން އަންނަ ބަހުސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ނުކުރެވި، ނަތީޖާ ނުނެރެވޭނަމަ ވަޒީރަކު މަގާމުން ވަކިކުރުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އަދި އެކަމުގައި އިތުރު ވާހަކައެއް ވެސް ބަހަނާއެއް ވެސް އަޑުއަހަން ބޭނުން ނޫން ކަމަށް މެންބަރު އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރު މަލީހާ މެދު އެމްޑީޕީގެ 65 މެމްބަރުންގެ އިތުބާރެއް ނެތް ކަމަށެވެ. ރައްޔިތުން އުންމީދުކުރި ކަންކަން މިނިސްޓްރީއަށް ކޮށްދެވިފައި ނުވާ ކަމަށާއި އެހެންކަމުން މިނިސްޓަރާމެދު މަޖިލިސް މެމްބަރުންގެ ހިތްހަމަނުޖެހުން އެބަހުރި ކަމަށެވެ.

"މީ ތުހުމަތުތަކެއްކޮށް، ތަހުގީގެއް ހިންގަންޖެހޭ ވަރުގެ ކަމެއް ކަމުގައި ނުދެކެން. ވަރަށް ސާފުކޮށް އަޅުގަނޑުމެންގެ ގާނޫނުއަސާސީގައި އެބަ ބުނޭ ވަޒީރަކާ ދޭތެރޭގައި އަޅުގަނޑުމެންގެ އިތުބާރެއް ނެތީ ކަމަށް ވަނީނަމަ ކަން ކުރަން ޖެހޭ ގޮތް،" އާޒިމް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން 10 މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަހުގީގްކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ އެ މަޖިލީހުން ހަވާލުކުރެވިދާނެ ކަމަށް ގާނޫނުއަސާސީގައި ބުނެ އެވެ.

"އަޅުގަނޑުމެން ހިތްހަމަނުޖެހުނީމާ އެ ވަޒީރަކު އެ މަގާމުން އެކަހެރިވާން ޖެހޭނީ. އެކަހެރިވެގެން ދާން ޖެހޭނީ. އެއީ އަޅުގަނޑުމެން މިތަނުން ނިންމާ ނިންމުމެއް. އެހެންވީމަ އެކަން އަޅުގަނޑުމެން ނިންމީމާ އިތުރު ވާހަކަތެއް ދައްކާ އަޅުގަނޑުމެން ބަދުނާމުތައް އަޅުގަނޑުމެންގެ ބޮލުގައި އަޅުވައި އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް،" އާޒިމް ވިދާޅުވި އެވެ.

"މީ ކޯޓެއް ނޫން. މީ ރައްޔިތުންގެ މަޖިލިސް. މިތަނުގައި ހިނގާނީ ރައްޔިތުންގެ ބަސް. ރައްޔިތުންގެ ބޭނުންވާ ކަންކަން މިތާ ކުރެވޭނީ. އިތުރު ވާހަކަތަކެއް މިތާ ދެއްކުމުގެ ފުރުސަތެއް ނެތް،"

މައްސަލައަށް ބަހުސް ކުރައްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވެސް ވިދާޅުވީ މިނިސްޓަރުގެ އިތުބާރު ގެއްލުމުން އެ ހިސާބުން ގެއްލުނީ ކަމަށާއި އިތުރު ސަބަބެއް ވެސް ދައްކަން ނުޖެހޭ ކަމަށެވެ.

"މިނިސްޓަރުގެ އިތުބާރު ގެއްލުނީމަ އަޅުގަނޑުމެންނަށް އެކަން އެގޮތަށް ފެނުނީމަ އެ ގެއްލުނީ. އޭގަ އިތުރު ސަބަބެއް ދައްކާ ތަހުގީގުތަކެއް ކުރަންޖެހޭ ކަމެއް ނޫން. އަޅުގަނޑުމެން މެމްބަރުންނަށް ރައްޔިތުންނަށް މިނިސްޓަރުގެ އިތުބާރު ގެއްލުނީމަ ދެން ގެއްލުނީ. އޭގަ ދެން ދެން އިތުރަށް ދައްކާނެ ވާހަކައެއް، ކުރަންޖެހޭ ކަމެއް މި ގަނޫނުއަސާސީ އެކުލެވިފައި އޮންނަ ގޮތަކު ނެތް،" ސިރާޖު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ މަލީހު އާމެދު އެމްޑީޕީއަށް އިތުބާރު ނެތް ކަމަށެވެ.

އެ ބަހުސްގެ ކުރިން މައްސަލައަށް ޖަވާބުދާރީވާން ލިބިވަޑައިގެންނެވި ފުރުސަތުގައި މަޖިލީހަށް ވަޑައިގެން މިނިސްޓަރު މަލީހު ވިދާޅުވީ ކުރަން ޖެހޭ މަސައްކަތެއް ނުނިންމާ، ނުވަތަ ހަދަންޖެހޭ ގަވާއިދެއް ނުހަދާ ނޯންނާނެ ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިގެން އުޅެނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކޮށްގެން ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް އެމްޑީޕީ މެމްބަރުންނަށް ހަޖަމު ނުވެގެން ކަމަށް މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު އެ އިޝާރާތް ކުރެއްވި ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމުގައި ބަރުލަމާނީ ނިޒާމެއް ކަމަށް ބުނެ ދެއްކެވި ވާހަކަތަކެވެ.