01 Mar 2021, 09:54
"ހަކުރާގޭ ފެންޑ"ގައި އެކޮޅުކޮޅުން އެލުވިޔަސް، ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިއްޕަވާނެ ކަމަށް ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ވަނީ ފަށައިފަ އެވެ. މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި ވާހަކަދައްކަވަމުން މަލީހު ތަކުރާރުކޮށް ވިދާޅުވީ، މަދު މެމްބަރުން ކޮޅެއް ސޮއިކޮށް މަޖިލީހަށް މައްސަލަ ވައްދާފައި ވަނީ ހަދަން ޖެހޭ ގަވާއިދެއް ނުހައިދެން ނޫން ކަމަށާއި، ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް ހަޖަމު ނުވެގެން ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުން ކަމަށާއި އެހެން ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށެވެ.
މަލީހު ވިދާޅުވީ އެ މިނިސްޓްރީން ނުހަދާ ކަމަށް މައްސަލައިގައި ބުނެފައިވާ ހުރިހާ ގަވާއިދެއް ހަދާ ނިންމާފައިވާ ކަމަށެވެ. އަދި އެއީ މަލީހުގެ ކުރިން އެ މަގާމުގައި ތިއްބެވި ތިން މިނިސްޓަރުންނަށް ނުކުރެވުނު މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑަށް އަދަބު ދޭން ތި އުޅުއްވަނީ ތިން މިނިސްޓަރުކަމުގައި ނުނިމިވާ ކަމެއް އަޅުގަނޑު ނިންމީމަތޯ؟ ގާނޫނު ފާސްކުރީ 2015 ވަނަ އަހަރު. ގަވާއިދު ހަދަން ޖެހެނީ ތިން މަހާ ހަ މަހާ ދެމެދުގެ މުއްދަތެއްގަ. އެ މުއްދަތުގައި ގަވާއިދު ނުހަދައިފި ނަމަ އަމަލުކުރަންޖެހޭ ގޮތް ގާނޫނުގައި ވެސް ބަޔާން ނުކުރޭ. މިނިސްޓަރު [ޒިންމާ] ނަންގަވަންޖެހޭ ކަމަށް ވާނަމަ، މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ނަގަންޖެހޭ އިތުބާރުގެ މައްސަލައެއް އަޅުގަނޑާ ހަމައަށް ސޮއްސާލައިގެން މި އައީ ކީއްވެތޯ؟ ކޮބާތޯ ފަހުން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ޒުހޫރު؟ ކޮބާތޯ އޭގެ ފަހުން މިނިސްޓަރުކަމާ ހަވާލުވެލެއްވި އަޒްލީން؟" މަލީހު ސުވާލު އުފެއްދެވި އެވެ.
މަލީހު ވިދާޅުވީ ހުށަހަޅާފައިވާ މައްސަލައިގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ގަވާއިދު ހަދަން އުޅުނު މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރި ކަމުގެ ތުހުމަތު ވެސް މަލީހު ވަނީ ދޮގުކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން މިނިސްޓްރީގެ ތިން ސިޔާސީ މުވައްޒަފަކަށް ފިޔަވަޅު އެޅި ކަމަށެވެ. އޭގެ ތެރޭގައި ސްޓޭޓް މިނިސްޓަރަކާއި، ޑެޕިއުޓީ މިނިސްޓަރަކާއި އެގްޒެކެޓިވް ޑައިރެކްޓަރަކު ހިމެނޭ ކަމަށެވެ.
މަލީހު ވިދާޅުވީ ވަޒީފާގެ ބިރަށް ބުނަން ޖެހޭ ހައްގު ބަސް ނުބުނު ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑުގެ ވަޒީފާއަށް ވުރެ މިގައުމު މާ ބޮޑު. ގާނޫނުއަސާސީން ލިބޭ ހައްގުތައް ކަށަވަރުވާން އޮތީ ވަޒީފާ ގުރުބާންކޮށްގެން ކަމަށް ވާނަމަ، ހޭވައްލާ މި ހުރީ ތައްޔާރަށް،" މަލީހު ވިދާޅުވި އެވެ.
މަލީހު ވަނީ އޭނާ މަގާމުން ދުރުކުރަން އުޅޭ ހަގީގީ ސަބަބު އެމްޑީޕީ މެމްބަރުންނަށް ހާމަކުރަން ނުކެރިގެން އުޅެނީ ކީއްވެތޯ ވެސް ސުވާލުއުފައްދަވައިފަ އެވެ.
"ވަރަށް ސާފު. މީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބާރު ކަނޑުވާލަން މި އިއްޒަތްތެރި މަޖިލީހުގެ މަދު މެމްބަރުންތަކެއް ކުރައްވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. މީ ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް އޮތް ހުރަހެއް، ބިރެއް،" މަލީހު ވިދާޅުވި އެވެ.
މަޖިލީހުގައި ވަރަށް ހޫނުކޮށް ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މި ސަރުކާރުގެ އިންސާފުގެ އޮޑި ކަނޑުފެތުނީތޯ ސުވާލު އުފައްދަވައިފަ އެވެ.
"އިންސާފަކީ އިދިކޮޅުގައި ތިއްބަވާ އިރު ޖަހަން އޮންނަ މިޔުޒިކެއްތޯ؟ އިންސާފަކީ ބޮޑު ގޮނޑިއަށް ސަވާރުވެވުނީމާ ހަނދާނެ ނެތޭ އެއްޗެއްތޯ؟"
މަލީހު މިއަދު ވަނީ އެމެރިކާގެ ކުރީގެ ރައީސް، ބަރަކް އޮބާމާގެ ވާހަކަފުޅަކަށް ވެސް އިޝާރާތްކުރައްވާ، އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.
މަލީހު ވިދާޅުވީ އޭނާ ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށާއި، ބަރުލަމާނީ ނިޒާމަކާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ. އަދި ކޯލިޝަން އެގްރީމންޓުގައި އެމްޑީޕީން ސޮއިކޮށްފައި ވަނީ ހުރިހާ ހިޔާލަކަށް ވެސް ޖާގަ ދީގެން ކަމަށްވާއިރު، މަޖިލީހުން "ޚުދުމުހުތާރު" ގޮތް ހިޔާރުކޮށްގެން ނުވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، ގާނޫނުއަސާސީއާ ހިލާފަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު މަލީހު ތަކުރާރުކޮށް ކުރެއްވި އެވެ.
"އެހެންވީމަ ތަކުރާރުކޮށް މި ދަންނަވަނީ ހަކުރާގޭ ފެންޑާގައި އެކޮޅުކޮޅުން އެލުވި ކަމުގައި ވީނަމަވެސް މާއްދާ 27 ގެ ބޭނުން އަޅުގަނޑު ހިފާނަމޭ،" މަލީހު ވިދާޅުވި އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އަލީ އާޒިމް 14 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި އެ މައްސަލައިގައި، އެމްޑީޕީން ވަނީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފަ އެވެ.
ހަމައެއާއެކު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުންވެސް ވޯޓު ދެނީ މިނިސްޓަރު މަލީހް ވަކިކުރަން ކަމަށް އެ ކޯލިޝަންގެ ޕާލިންޓްރީ ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އެހެން ކަމުން އެމްޑީޕީއަށް ވަޒީރަކުން މަގާމުން ދުރުކުރުމަށް ފަސޭހަ ވާނެ އެވެ.