02 Feb 2012, 16:50
ރާއްޖެ އަށް ސައިކަލު އެތެރެކުރާ މަޝްހޫރު ކުންފުނި، ޝީޝާގެ ތިންބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ ]އެސްބީއައި[ގައި ހުޅުވާފައި އޮތް އެކައުންޓަކުން 18 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިންޓަޕޯލުން ރެޑް ނޯޓިސް ނެރެގެން ހޯދަމުން އަންނަ މީހަކު ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބ. ތުޅާދޫ މާފަރިވާގެ، އިބްރާހިމް ޝާހިދު ހައްޔަރު ކުރީ މިއަދު ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި އޭނަ މާލެ ގެންނާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ފުރަތަމަ ޝާހިދު ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ، އޭނާ ފުރަތަމަ ހައްޔަރު ކުރީ ކޯޓު އަމުރަކާ ނުލައި ކަމަށް ވާތީ ހައްޔަރުކުރިތާ 24 ގަޑިއިރު ތެރޭގައި އެވެ. ނަމަވެސް ފަހުން ކޯޓު އަމުރަކާ އެކު އޭނާ ހައްޔަރުކުރަން ދިޔަ އިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝާހިދު ލަންކާގައި އުޅެނިކޮށް ހައްޔަރު ކުރީ ލަންކާ ފުލުހުންނާ ދިވެހި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ޝާހިދުގެ އިތުރުން އެ މައްސަލައިގެ ތުހުމަތުގައި އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު، ށ. ޅައިމަގު ގޯލްޑްސްޓާ، މުހައްމަދު މުސްތަފާ އާއި އެ ރަށު ޖަމްސަރީރުގެ މުހައްމަދު މުސްތައުމިދު މީގެ ދެ މަސް ކުރިން ހައްޔަރު ކޮށްފައި ވަނީ ސްރީލަންކާ މަގުން އައި މެލޭޝިޔަން އެއާލައިންސްގެ ފްލައިޓަކުން ރާއްޖެ އައިތަނުން ނެވެ.
ޝީޝާގެ ތިންބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކަނުންޓުން ވަގު ޑޮކިއުމެންޓުތަކެއް ހުށަހެޅި ބަޔަކަށް 18 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެ އެ ފައިސާ ހޯދަން ޝީޝާގެ ތިންބެއިން އެސްބީއައިގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.