28 Feb 2021, 21:09
ހެލްތް މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް)އަށް އުޅެނީ އޮޅިވަޑައިގެން ކަމަށާއި ބ. ދަރަވަންދޫ ރައްޔިތުން މާސްކު އަޅާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީ ބ. އަތޮޅު ރަށްްވެހިފަތިސް ކެމްޕެއިން ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން ހެތްލު މިނިސްޓަރު ނަސީމް ވިދާޅުވީ، ދަރަވަންދޫ ރައްޔިތުން މާސްކު އަޅަމުން ނުދާ ކަމަށެވެ.
"ދަރަންދޫއާ ގުޅޭ ގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެރަށުގައި އެއްވެސް ގޮތަކަށް މާސްކު އަޅައިގެން ނޫޅުއްވާ. ތިބޭފުޅުން އެކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ،"
އެމްޑީޕީގެ ފަރާތުން ދަރަވަންދޫ ކައުންސިލް އަދި އަންހެނުންގެ ކޮމީޓީއަށް ވާދަ ކުރާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެން ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރުގެ އެ ވާހަކަތައް ދޮގުކުރައްވައި، ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މަޖީދު މިރޭ "ސަން"އަށް ވިދާޅުވީ، އެރަށަކީ ފުލުހުންވެސް ތިބޭ ރަށެއް ކަމަށާއި މިހާތަނަށް މާސްކު ނާޅައިގެން އެއްވެސް މީހަކު އެރަށުން ޖޫރިމަނާކޮށްފައި ނުވާ ކަމަށެވެ.
"މިނިސްޓަރަށް އޮޅިގެން އެވާހަކަ ދެންނެވިފައި އެ އޮތީ. މި ރަށުގައި މާސްކު އަޅާ. އަޅުގަނޑަށް އެނގިފައި ނެތް މި ރަށުގައި މާސްކު ނާޅައިގެން އެއްވެސް މީހަކު ޖޫރިމަނާ ކުރިކަމެއް. މާސްކު ނާޅާނަމަ، ޖޫރިމަނާ ކުރާނެ ނޫންތޯ،" އަލީ މާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ މިނިސްޓަރަށް މީހަކު ދިން ދޮގު މައުލޫމާތެއްގެ މައްޗަށް ދެންނެވި ވާހަކައެއް ކަމަށެވެ.
"އަޅުގަނޑު ގޭތެރޭގައި މި އިނީ މާސްކު އަޅައިގެން. މާސްކު އަޅައިގެން ރައްޔިތުން އުޅެނީ. ދެން މިނިސްޓަރަށް ކޮންމެވެސް މީހަކު ދިން މިސްއަންޑަސްޓޭންޑިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި އެއްޗެއް އެއީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ ޓިކެޓްގައި ކައުންސިލް ރައީސްކަމަށް އިތުރު ދައުރަކަށް ވާދަ ކުރައްވާ އަލީ މާޖިދު ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް ގަވާއިދަށް އަމަލު ނުކުރާ މަދު ބަޔަކު ތިބެދާނެ ކަމަށާއި ހަމައެފަދައިން އެރަށުގައި ވެސް މާސްކު ނާޅާ މަދު ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މާސްކު ނާޅާ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ކައުންސިލްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި އެކަން މިނިސްޓަރަށްވެސް މިހާރު ދަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާތީވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މިހާރު މަޖުބޫރު ކަމެކެވެ. މާސްކު ނާޅާނަމަ، 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.