ފޭސްބުކްގައި ގުރޫޕެއް ހަދައި ދިވެހި މުވައްޒަފުންނަށް ލިބޭ ހިދުމަތްތައް ކަމުނުދާ ކަމަށް ބުނެ ރިސޯޓް މެނޭޖްމަންޓަށް ފާޑުކީ އަޔާޑާ މޯލްޑިވްސްގެ ދިވެހި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ގދ. މަގުއްދުގައި ހުޅުވި، ތުރުކީވިލާތުގެ ކުންފުޏަކުން ހިންގާ އެ ރިސޯޓްގެ ބައެއް ދިވެހި މުވައްޒަފުން އެ މައްސަލައިގައި ގެންދަނީ މިއަދު ހަޅުތާޅު ވެސް ކުރަމުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މުވައްޒަފަކު މިއަދު ބުނީ އެ ދެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރީ ފޭސްބުކް ގުރޫޕް، "އަޔާޑާ މޯލްޑިވްސް ޕްރީ އޯޕަނިން ޓީމް"ގައި ރިޒޯޓްގައި މުވައްޒަފުންނަށް ލިބޭ ހިދުމަތްތައް ކަމު ނުގޮސްގެން އެ ވާހަކަ ދައްކައި އަދި އެކަމާ ގުޅުން ހުރި ބައެއް ފޮޓޯތައް ވެސް ޕޯސްޓްކުރުމާ ގުޅިގެން ކަމަށެވެ.

މައްސަލަ ޖެހުނު އެފްބީގެ ގްރޫޕަކީ އާންމުންނަށް ނުފެންނާނެ ގޮތަށް ހަމަ އެކަނި ގްރޫޕްގެ މެންބަރުންނަށް ލިޔާ އެއްޗެއް ފެންނަ ގޮތަށް ހަދާފައިވާ ކްލޯސްޑް ގްރޫޕެކެވެ. އެ ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފުން ބުނީ ގްރޫޕުގައި މުޅިންހެން ތިބޭނީ ރިސޯޓްގެ މުވައްޒަފުންނާއި ކުރިން ރިސޯޓުގައި އުޅުނު މީހުން ކަމަށާއި އެ މައްސަލަ ފެންމަތި ކުރީ ގްރޫޕުގެ މެންބަރެއް ކަމަށެވެ.

އެފްބީ ގްރޫޕް މައްސަލައިގައި ވަޒީފާ އިން ކަނޑާލީ ރިޒަވޭޝަން އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ މުހަންމަދު ހަބީބާއި ފުރޮންޓް އޮފީހުގައި މަސައްކަތްކުރާ އަބްދުﷲ ނިޝާން ކަމަށް އެ ރިސޯޓުން ބުންޏެވެ.

އޭނާ ބުނީ އެމީހުން ވަޒީފާ އިން ކަނޑާލާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ދެ ސްޓާފުން ރިސޯޓުން ފޭބުމަށް އިންކާރު ކުރަމުން އަންނަ ކަމަށާއި އެހެންވެ މައްސަލަ ވަނީ ހޫނުވެފައި ކަމަށެވެ.

އެ ރިސޯޓުގެ މެނޭޖްމަންޓުން ވެސް ވަނީ އެފަދަ މައްސަލައެއްގައި ދެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރިކަން ސަން އަށް ޔަގީންކޮށްދީފަ އެވެ. އެކަމުގައި ބައެއް ދިވެހި މުވައްޒަފުން ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް ރިސޯޓްގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާކަމަށް ވެސް މެނޭޖްމަންޓުން ބުންޏެވެ.

ވަޒީފާ އިން ވަކި ކުރި ހަބީބު ބުނީ އޭނާ ވަޒީފާ އިން ވަކި ކުރީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުން ކަމަށާއި އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިޔުނަލަށް ހުށަހަޅާނެ ކަމަށެވެ.

"އަޅުގަނޑުގެ ހައްގެއް އެއީ. އަނެއްކާ އަޅުގަނޑު ގޯސްވާހަކައެއް ނުދައްކަން. އަޅުގަނޑު ގަބޫލުކުރަނީ އެކަމުން އަޅުގަނޑު ކަނޑާ ނުލެވޭނެ ކަމަށް." ހަބީބު ވިދާޅުވި އެވެ.

ސޯޝަލްނެޓްވޯކްތަކުގައި އެކި ހިޔާލު ފާޅުކުރުމުން ދުނިޔޭގެ ބޮޑަތި ކުންފުނިތަކުން ވެސް އެތަންތަނުގެ ސްޓާފުން ވަޒީފާ އިން ވަކިކުރުމުގެ މައްސަލަތައް ހިނގާފައި އެބަހުއްޓެވެ.

ސޯޝަލްނެޓްވޯކްގެ އުދަގުލާ ހެދި ރާއްޖޭގެ ބައެއް އޮފީސްތަކުގައި ވެސް އެފަދަ ވެބްސައިޓްތައް ހުންނަނީ ބްލޮކްކޮށްލާފަ އެވެ.