28 Feb 2021, 19:05
އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހުން ދިން ދައުވަތު ގަބޫލުކުރައްވައި، ޖަލްސާއަށް ވަޑައިގަތުމަށް ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ނިންމަވައިފި އެވެ.
މީގެ ކުރިން މަލީހް ވަނީ އޭނާގެ އިތުބާރުނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ފޮނުވި ނޯޓިސްގައި މައްސަލަ އެބަހުރި ކަމަށް ފާހަގަކުރައްވައި އެ ނޯޓިސް އަނބުރާ ފޮނުވާލާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަލީހު މިއަދު ފޮނުއްވި ސިޓީގައި ވަނީ، އެ ނޯޓިސް ރައްދުވަނީ އޭނާއަށް ކަމާމެދު އެ ލިޔުން ކިޔާލާއިރު ޝައްކު އުފެދޭތީ އެ ހުށަހަޅުމަކީ ބާތިލު ހުށަހެޅުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަން ހާމަކޮށް މީގެ ކުރިން މަޖިލީހަށް ފޮނުވި ސިޓީއަށް ޖަވާބެއް ދެއްވާފައި ނުވާ ކަމަށް މަލީހު ސިޓީގައި ފާހަގަ ކުރެއްވި އެވެ.
"މިކަންކަން މިހެން ހުރިކަމުގައިވީނަމަވެސް، މަޖިލީހުގެ ދެންނެވުމަކަށް އިހުތިރާމްކުރުމުގެ ގޮތުން މާދަމާގެ ޖަލްސާއަށް ދެއްވި ދައުވަތު ގަބޫލުކުރަމެވެ،" މަލީހު މަޖިލީހަށް ފޮނުވި ދެ ވަނަ ސިޓީގައި ބުނެފައިވެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހު ވަކިކުރަން ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
މަލީހް ވިދާޅުވީ، އޭނާގެ ފުރަތަމަ ސިޓީއަށް ޖަވާބު ނުދެއްވައި، އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.
"ހުށަހަޅުއްވާފައިވާ ގަރާރަކީ، ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅުއްވާފައިވާ މައްސަލައެއްކަންވެސް ފާހަގަ ކުރަމެވެ." މަލީހު ވިދާޅުވި އެވެ.
"އެ ލިޔުމުގެ [ނޯޓިސްގެ] ފުރަތަމަ ޕެރަގްރާފްގައި ބަޔާންކޮށްފައިވާ ނަމާއި ހަތަރު ވަނަ ޕެރަގްރާފްގަައިވާ ނަމާ ދިމާނުވަމަކީ، މިފަދަ މައްސަލައެއްގައި ގެންގުޅެންޖެހޭ ފަރުވާތެރިކަމުގެ މިންގަނޑުން އެއްކިބާވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް،"
މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމަންޓްރީ ގުރުޕޫގެ ލީޑަރު، އަލީ އާޒިމް 14 މެމްބަރުންގެ ސޮޔާއެކު ހުށަހެޅި އެ މައްސަލައިގައި، އެޕާޓީން މިއަދު ވަނީ، މަލީހު ވަކިކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ.
ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 65 އެވެ. އެހެން ކަމުން އެމްޑީޕީއަށް ވަޒީރަކުން މަގާމުން ދުރުކުރުމަށް ފަސޭހަ ވާނެ އެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ނިންމުމާއެކު، މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ޚުދުމުހުތާރު ވެފައިވާ ކަމަށާއި ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދައިފި ކަމަށެވެ.
"އަސާސެއް ނެތް ކަމެއްގައި، ދޮގު އިލްޒާމެއް އަޅުވާ ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރުވާނެ. ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދު ވެސް ކުރި ހޯދާނެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް،" މަލީހު ވިދާޅުވި އެވެ.
ޖަވާބުދާރީވުމަށް މަލީހް ޖަލްސާއަށް ވަޑައިގަތުމަށް ނިންމެވި އިރު، މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގައި ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ އެވެ.