02 Feb 2012, 16:02
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސިފައިން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އޭނާ މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ ކަމަށް މިސަރުކާރުގެ ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސުނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ހުސްނުއްސުއޫދުގެ އޮފީހުގައި މިއަދު ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އަބުދުﷲ މުހައްމަދު ސަރުކާރުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގައި ބުނެފައިވާ އެއްވެސް ހަމައެއްގެ މަތިން ނޫންކަން ކަށަވަރުވާ ކަމަށެވެ.
"އަބުދުﷲ މުހައްމަދު މިހާރު އެހުރީ ހައްޔަރުކޮށްފައި. ހައްޔަރުކޮށްފައި އެހުރީ ގާނޫނު އަސާސިއާ ހިލާފަށް. ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ރައްޔިތަކު ބަންދުކޮށްފައި ނުބެހެއްޓޭނެ، ހަމަ ގަބޫލުކުރާ އުސޫލުތަކަށް ތަބާވާ އެއްވެސް މީހަކު އެކަމާ ދެކޮޅުހަދާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދުލުއިންސާފުގައިމުކުރާ ދާއިރާ މިނިވަން ކުރުމަށް ކަމަށް ބުނެ ސަރުކާރުން އަބުދުﷲ މުހައްމަދު އެގޮތަށް ހައްޔަރު ނުކުރެވޭނެ ކަމަށާއި އެއްވެސް މީހެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަނެ ހައްޔަރުގައި ބަހައްޓައިގެން އަދި ނިޒާމު ހަލާކޮށްލައިގެން އެއްވެސް ކަމެއް އިސްލާހު ނުކުރެވޭނެ ކަމަށެވެ.
"ކަމެއް އިސްލާހުކުރުމަކީ ބަހާނާއެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ކަމެއް އިސްލާހުކުރާ މީހާ ފުރަތަމަ އޭނާގެ އަތް ސާފުވާން ޖެހޭނެ އޭނާގެ އަތް ސާފުނުވާ ކަމަށް ވެއްޖިއްޔާ ކަމެއް އިސްލާހު ކުރާކަށް އެބަޔަކަށް ނޫޅެވޭނެ،" ސުއޫދު ވިދާޅުވި އެވެ.
މަޝްހޫރު ގާނޫނީ ވަކީލު ވިދާޅުވީ މިހާރު ސިޔާސީ މަޝްރަހުން ފެންނަމުންދާ ކަން ކަމަށް ބަލާ އިރު މައްސަލަ ހައްލުކުރެވެން އޮތީ ހަމައެކަނި ރައްޔިތުންގެ މަޖިލިހުން ކަމަށް ގަބޫލްކުރެވޭ ކަމަށާއި ކޯޓުތަކުގައި ދިމާވެފައިވާ މައްސަލަތައް ހައްލުނުކުރެވިގެން އުޅެނީ ރައްޔިތުންގެ މަޖިލިހުން އަދާ ކުރަން ޖެހޭ ވާޖިބުތައް ފުރިހަމަ ގޮތުގައި އަދާނުކޮށް، މަޖިލިހުގެ ގޮނޑިކުޅުތަކުގައި ތިއްބަވައިގެން ދައްކަން ޖެހޭ ވާހަކަފުޅު ނުދައްކަވައި ހަރުގެތަކާއި އެނޫން ތަންތަނުގައި ހަޅޭއްލަވަމުން ގެންދަވާތީ ކަމަށެވެ.
"ރައްޔިތުން ކަންކަން މަގުމަތިން ނުނިންމުމަށް ޓަކައި ރައްޔިތުން އިންތިހާބުކުރާ ބަޔަކު ރައްޔިތުންގެ މަޖިލިހުގައި މިތިއްބަވަނީ. ވަކިތަނެއްގައި ރައްޔިތުންގެ ވަކީލުން ތިއްބައިވައިގެން ކަންކަން ނިންމުމަށް. އެ ގޮނޑީގައި ތިބެގެން ކަންކަން ނިންމުމުގެ ބަދަލުގައި ހަރުގޭގައި ނުވަތަ އެނޫން ތަނެއްގައި ކަންކަން ނިންމުމަށް ޓަކައި ހަޅޭއްފަޅެއްލަވަނީ. އެއީކީއެއް ނޫން މަޖިލިހުގެ މެންބަރުންގެ މަސްއޫލިއްޔަތަކީއެއް. އެބޭފުޅުން ގޮނޑީގައި ތިއްބައިވައިގެން މަސްއޫލިއްޔަތު އަދާކުރައްވާ ނަމަ މިއަދު މާހާލަތަކަށް މިގައުމެއް ނާންނާނެ،" ސުއުދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ ފަނޑިޔާރުންގެ މައްސަލަ ހައްލުނުކުރެވިގެން އުޅޭ މައިގަނޑު ސަބަބަކީ ޖިނާއި އިޖުރާތުގެ ގާނޫނާއި ޕީނަލް ކޯޑް މަޖިލިހުން ފާސްނުވެ އޮތުމުގެ ސަބަބުން ޝަރުއީ ދާއިރާގައި ކަންކަން ކުރާނެ ގޮތުގެ އުސޫލްތަކެއް ކަނޑައެޅިފައި ނުވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށާއި އެކަންކަން މިފަހަރު ވެސް މަޖިލިހުން ރަނގަޅަށް މައްސަކަތް ކޮށްފި ނަމަ އަވަސް މުއްދަތުގެ ތެރޭގައި ނިންމާލެވިދާނެ ކަމަށެވެ.
"ބައްލަވާ މަޖިލިހުން ފަނޑިޔާރުންގެ ގާނޫނު ފާސްކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ފާހެއްނުވި. ކޯޓްތަކާ ބެހޭ ގާނޫނު ފާސްކުރަން ޖެހޭ މުއްދަތުގެ ތެރޭގައި ފާހެއް ނުވި. ޖިނާއި އިޖްރާތުގެ ގާނޫނު އޮތީ އަދިވެސް އޮތްތާގައި،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ މިހާރު ހިނގަމުންދާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރޭވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލިހަށް ކަމަށާއި އެގޮތުން ޖިނާއި އިޖްރާތުގެ ގާނޫނު ވީހާވެސް އަވަހަށް މަޖިލިހުން ފާސްކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުށައެޅި ޝަކުވާތަކާ ގުޅިގެން މަޖިލިހަށް ހުށައެޅިފައިވާ ޝަކުވާތައް ބަލައި އެކަންކަމާ ގުޅޭ ފިޔަވަޅު އެލުމުގެ ބާރު މަޖިލިހަށް ލިބިގެންވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބުދުﷲ މުހައްމަދު މާގިނަ ދުވަހެއް ވަންދެއް ހައްޔަރުގައި ދެން ބަހައްޓައިފާނެ ކަމަށް އޭނާ އަށް ގަބޫލުނުކުރެއްވޭ ކަމަށާއި އަބުދުﷲ ގާޒީ ހައްޔުރުކޮށްފައި ބެހެއްޓުމުގެ ގާނޫނީ އެއްވެސް ސަބަބެއްނެތް ކަމަށާއި ގާނޫނު އަސާސީ އާ އެއްގޮތަށް ކުރެވުނު ކަމެއް ކަމަށް ބުނެވޭނެ އެއްވެސް މީހަކު މިއުޑު ދަށުގައި ނުހުންނާނެ ކަމަށެވެ.
"މިކަމުގައި ބޭނުން ވަނީ ސިޔާސީ ބޭފުޅުންގެ އިހުލާސްތެރިކަން އިހުލާސްތެރިކަން ދައްކަން ޖެހޭ ވަގުތު މިވަނީ ޖެހިފައި،" ސުއޫދު ވިދާޅުވި އެވެ.