10 Jul 2010, 06:12
10:00
ގައުމަށް ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ މީހުންނާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަމަލީ ސިފައެއްގައި މިއަދު މަސައްކަތްކުރައްވަމުން ގެންދަވަނީ، ކުރީގެ ވެރިކަމުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ބަދަލު ހިއްޕެވުމުގެ ރޫހުގައި ނޫން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ވާހަކަދައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޒް އިމްތިޔާޒް ފަހުމީ ވިދާޅުވީ، މި ގައުމުގައި ކުރިން ހިންގާފައިވަނީ އަނިޔާވެރި ވެރިކަމެއް ކަމަށާއި އެކަން އެއްވެސް ރައްޔިތަކަށް ވެސް އޮޅިފައިނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދް އެ އަނިޔާތައް ވަރަށް ގާތުން ދެކެވަޑައިގެންފައިވާކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ކުރީގެ ވެރިކަމުގައި އެމަނިކުފާނު ޖަލުގައި އެތައް އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ރައީސް ނަޝީދު އެ އަނިޔާތައް ތަހައްމަލު ކުރެއްވީ ވަރަށް ކެތްތެރިކަމާއެކު ކަމަށާއި ވެރިކަމަށް އަރައިވަޑައިގަތުމަށްފަހު ބަދަލު ހިއްޕެވުމުގެ ރޫހު އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި ލާއިންސާނީ އަމަލުތައް ހިންގި މީހުންގެ މައްޗަށް މާބޮޑެތި އަދަބުތައްދީ ބަދަލުހިފުމުގެ ރޫހު ވެރިކަމަށް އަންނަ ފަރާތްތަކުން ގެންގުޅުމުގެ ސަބަބުން ގައުމަށް ކުރިމަތިވާ ހިތި ނަތީޖާ ރައީސުލްޖުމްހޫރިއްޔާއަށް އޮޅިވަޑައިގަންފައިނުވާތީ، މިހާތަނަށްވެސް އެމަނިކުފާނު ކަންތައް ކުރައްވަމުން ގެންދެވީ ހިކުމަތްތެރިކަމާއި، ކެތްތެރިވެވަޑައިގެން ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް ދިމާވެފައި މިވަނީ އަމިއްލަ ކަމެއްގެ ބަދަލުގައި މުޅި ގައުމުގެ މަސްލަހަތު ހިމެނޭ ކަމެއް ކަން ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ، ފަސާދައާއި، ރިޝްވަތު އަދި ގައުމެއްގެ ހަލާކު އެއީ މުޅި ދައުލަތާއި އެންމެހާ ދިވެހި ރައްޔިތުންނާ ގުޅިފައިވާ ކަންތައް ކަމަށެވެ. އެހެންކަމުން، މިއަދު ރައީސް ނަޝީދު އަމަލީ ސިފަ ގެންނަވަނީ ގައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ގައުމުން ނެތި ކުރައްވަން ކަމުގައި ވިދާޅުވި އެވެ. އަދި މި ގައުމަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް ރައީސް ނަޝީދު ފައްޓަވާފައިވާ މި މަސައްކަތް ކުރިއަށް ގެންދަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަންތައް ކުރެއްވި އުސޫލަކުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ މަޑަވެލި ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މުހައްމަދު ނާޒިމްވެސް ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ ސަރުކާރުން ކަންތައް ކުރައްވަމުން މިހާތަނަށް ގެންދަވާފައިވަނީ ވަރަށް ހިކުމަތްތެރިކަމާއެކު ކަމަށެވެ. އަދި މިއަދު ރައީސް ނަޝީދުގެ ސަރުކާރު ފެއިލްވެއްޖޭ ބުނާއިރު، އޭގެ މާނައަކީ މުޅި ދައުލަތް ވަނީ ފެއިލްވެފައި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުން ވެސް ވަނީ، ގައުމުން ކޮރަޕްޝަން ނައްތާލުމަށް ގޮވާލައި އެމްޑީޕީން މިމަހުގެ 14 ވަނަ ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވެ، އަޑު އުފުލުމަށް ރައްޔިތުންނަށް ތަކުރާރުކޮށް ގޮވާލާފައެވެ. މި މުޒާހަރާގައި ބައިވެރިވުމަށް އަތޮޅުތަކުންވެސް އެމްޑީޕީ އެކްޓިވިސްޓުން މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.