ހުނަރު ޕްރޮގްރާމްގެ ބައެއް ކުދިންގެ ޕޮކެޓްމަނީ ނުލިބި ލަސްވަމުންދާ ކަމަށް ބުނެ ޝަކުވާ ކުރަން ފަށައިފި އެވެ.
ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ސަރުކާރުން ފެށި ހުނަރު ޕްރޮގްރާމުގެ ދަށުން ކިޔަވަމުން އަންނަ ދަރިވަރަކު މިއަދު ބުނީ އޭނާ އާ އެކު ކިޔަވަމުން އަންނަ 30 ކުއްޖަކަށް ޑިސެމްބަރު މަހުން ފެށިގެން ޕޮކެޓްމަނީ ލިބިފައި ނުވާ ކަމަށެވެ. އަދި އެކަން ހުނަރު ޕްރޮގްރާމް ހިންގާ ފަރާތްތަކާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ކޮންމެ ފަހަރަކު ވެސް ދިއުމުން ހަފްތާއެއްގެ ތެރޭގައި ލިބޭނެ ކަމަށް ބުނާ ކަމަށް ވެސް ސަން އޮންލައިނާ ވާހަކަ ދެއްކި ޒުވާނަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

"ކޮންމެ ފަހަރަކު ދާއިރަށް ބުނާނެ އަންނަ ހަފްތާގައި ލިބޭނެއޭ އެމްއެމްއޭ އަށް މިހާރު ފޮނުވާފަ އޭ ވީ. އަޅުގަނޑުމެންނަށް ވެސް އެނގޭ އެވަރު އެމްއެމްއޭ އަށް ކަން ފޮނުވާނީ،" ހުނަރު ޕްރޮގްރާމްގެ ދަށުން ކިޔަވާ ކުއްޖަކު ބުންޏެވެ.

ހުނަރު ޕްރޮގްރާމްގެ ސީއީއޯ މުހައްމަދު ހާޝިމް މިއަދު ވިދާޅުވީ ހުނަރު ޕްރޮގްރާމްގައި ކިޔަވާ ބައެއް ކުދިންނަށް ޕޮކެޓްމަނީ ނުލިބި ލަސްވާނެ ކަން އެކުދިންނަށް އަންގާފައިވާނެ ކަމަށާއި އެގޮތަށް ދިމާވަނީ ފައިސާ ފޮނުވާ މަރުހަލާތަކުގެ ތެރޭގައި ލަސްވާތީ ކަމަށެވެ.

ހާޝިމް ވިދާޅުވީ ހުނަރު ޕްރޮގްރާމްގެ ވަރަށް ގިނަ ކޯސްތަކެއްގައި ބައިވެރިވެފައި ތިބި ކުދިންނާއި އަތޮޅުތަކުގައި ތިބި ކުދިންނަށް ޕޮކެޓްމަނީ ލަސްވާ ކަމަށާއި އަދި އެއީ އެކުދިންނަށް ޕޮކެޓްމަނީ ނުދީ ހިފަހައްޓަނީ ނޫން ކަމަށެވެ.

"އަޅުގަނޑުމެން ހުނަރު ޕްރޮގްރާމް އޮފީހުން ފައިސާ މި ފޮނުވަނީ އެޑިއުކޭޝަނަށް އެޑިއުކޭޝަނުން ފިނޭންސަށް ފޮނުވީމާ އެ ފައިސާ މިފޮނުވަނީ އެކުދިން ކިޔަވާ ސެންޓަރުތަކަށް. ބައެއް ކުދިންނަށް މިހާރު ވެސް އެބަލިބޭ. އެ ފައިސާއަކީ ލިބޭނެ ފައިސާ އެއް،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ ހުނަރު ޕްރޮގްރާމެގެ ކުދިންނަށް ފައިސާ ލިބޭނީ ތަމްރީނުދޭ ފަރާތުން އެކުދިންގެ ހާޒިރީއާ ބެހޭ ހުރިހާ އެއްޗެއް ހުނަރު ޕްރޮގްރާމް އޮފީހަށް ފޮނުވުމުން ހާޒީރީގެ 80 ޕަސެންޓް ހަމަވާ ކުދިންނަށް ކަމަށެވެ.

ހުނަރު ޕްރޮގްރާމްގެ ދަށުން ޕޮކެޓްމަނީގެ ގޮތުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ވެސް 2000ރ. ލިބޭނެ އެވެ.
ހުނަރު ޕްރޮގްރާމްގެ ދަށުން މިހާރު ވެސް 500 އަށް ވުރެ ގިނަ ކުދިން އަންނަނީ ކިޔަވަމުންނެވެ.