28 Feb 2021, 10:40
ވޮޝިންޓަން (ފެބްރުއަރީ 28): ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާއިން ދީފި އެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ދޭ އިރު ޖަހަން ޖެހެނީ އެންމެ ޑޯޒް އެކެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ބުނި ގޮތުގައި އެ ވެކްސިނަކީ ބަލީގައި ހާލު ސީރިއަސް ވުމުން ރައްކާތެރިކޮށްދޭ، ބަލީގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ވެކްސިނެކެވެ.
"މި ވެކްސިންއަށް ހުއްދަ ދިނުމުން ވެކްސިން ލިބެން ހުރި މިންވަރު އިތުރުވޭ، އެއީ އެމެރިކާގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވުމުގެ ސަބަބަކަށްވި ބަލިމަޑުކަމާ ދެކޮޅަށް އޮތް އެންމެ ރަނގަޅު ސިއްހީ އެހީ،" އެފްޑީއޭގެ އެކްޓިން ޑިރެކްޓަރު ޖެނެޓް ވުޑްކޮކް ވިދާޅުވި އެވެ.
ޖޯންސަން އެންޑް ޖޯންސަން އިން ވަނީ ޖޫން މަސް ނިމެންވާ އިރަށް އެމެރިކާއަށް ވެކްސިންގެ 100 މިލިއަން ޑޯޒް ފޯރުކޮށްދެވޭނެ ކަމަށް ބުނެފަ އެވެ.
އެ ވެކްސިންގެ ޓެސްޓުތަކުގައި އެމެރިކާ، ދެކުނު އެފްރިކާ އަދި ލެޓިން އެމެރިކާއިން 44،000 މީހަކު ބައިވެރިވެފައިވެ އެވެ. އަދި ކޮވިޑުގައި ހާލު ސީރިއަސްވުމުން ރައްކާތެރިކޮށްދިނުމުގައި އެ ވެކްސިން 85.4 ޕަސެންޓު ކާމިޔާބެވެ. އަދި ބަލީގެ އެހާ ސީރިއަސް ނޫން 'މޮޑެރޭޓް' ކޭސްތަކާ ދެކޮޅަށް އެ ވެކްސިންގެ ކާމިޔާބީއަކީ 66.1 ޕަސެންޓެވެ.
ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ޓެސްޓުތަކުގައި އެ ވެކްސިން ޖެހި އެއްވެސް މީހަކު މަރުވެފައި ނުވެ އެވެ. އަދި އެ ވެކްސިން ޖެހިތާ 28 ދުވަސް ފަހުން ކޮވިޑު ޖެހިގެން އެއްވެސް މީހަކު އެޑްމިޓުކޮށްފައި ނުވެ އެވެ.
މީގެ އިތުރުން، މީހާގެ އުމުރާއި ނަސްލާއި އެހެން ބަލިތަކުގެ ސަބަބުން އެ ވެކްސިންގެ ކާމިޔާބީއަށް ފާހަގަ ކުރެވޭ ފަދަ ބަދަލެއް ނާންނަ ކަމަށް ޓެސްޓުތަކުން ދެއްކި އެވެ. އަދި ކޮވިޑްގެ އާ ވޭރިއެންޓުތައް ފެތުރިފައިވާ ދެކުނު އެފްރިކާ އާއި ބްރެޒިލްގައިވެސް ބަލީގެ ހާލަތު ސީރިއަސްވުމުން އެ ވެކްސިން ރައްކާތެރިކޮށްދީފައިވާ ކަމަށް ދިރާސާތަކުގައިވެ އެވެ.
ޖޯންސަން އެންޑް ޖޯންސަން އިން ވަނީ އެ ކުންފުނީގެ ކޮވިޑް ވެކްސިންއަށް ހުއްދަ ދިނުމަށް ޔޫރަޕިއަން ޔޫނިއަން އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގައި އެދިފަ އެވެ. އަދި އިނގިރޭސިވިލާތް، އީޔޫ، ކެނެޑާ އަދި ކޮވެކްސް އިންވެސް ވަނީ އެ ވެކްސިންގެ ޑޯޒްތަކަށް އޯޑަރު ދީފަ އެވެ.
އެމެރިކާއިން މިހާތަނަށް ހުއްދަ ދީފައިވާ ދެ ކޮވިޑް ވެކްސިނަކީ ފައިޒާ-ބަޔޯއެންޓެކްގެ ވެކްސިން އާއި މޮޑާނާގެ ވެކްސިން އެވެ. އަދި މިހާތަނަށް އެގައުމުން 65 މިިލިއަނަށް ވުރެ ގިނަ މީހުންނަށް އެ ދެ ވެކްސިން ދީފައިވެ އެވެ. އެ ދެ ވެކްސިންގެ ކާމިޔާބީ ވެސް 90 ޕަސެންޓަށް އަރަ އެވެ. ނަމަވެސް އެ ދެ ވެކްސިންވެސް ރައްކާ ކުރަން ޖެހޭ ފިނިހޫނުމިނުގެ ސަބަބުން އެ ޑޯޒްތައް އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް އުނދަގޫތައް ދިމާވެ އެވެ.
ފައިޒާއާއި މޮޑާނާގެ ވެކްސިންއާ ހިލާފަށް ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން އާދައިގެ ފްރިޖުގެ ފިނިހޫނުމިނުގައި ތިން މަހަށް ރައްކާ ކުރެވޭނެ އެވެ. އަދި އެ ވެކްސިންގެ އެންމެ ޑޯޒްއެއް ޖަހަން ޖެހޭތީވެސް ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ފާހަގަ ކުރި އެވެ.