ބްރޯޑް ކާސްޓްކުރުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ]އެމްބީސީ[ އިން ހަދަން ޖެހޭ ބައެއް ގަވައިދުތައް ހެދުމަށް ޓަކައި ކަމާ ބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ ވެބްސައިޓްގައި މިއަދު ބުނެފައިވާ ގޮތުގައި މި މަހުގެ 8 އިން 9 އަށް އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމުގައި ބްރޯޑްކާސްޓުކުރުމުގެ ތަންޒީމީ އޮނިގަނޑު އެކަށައެޅުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ބައްދަލުވުމުގައި ދިވެހި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓް ކުރުމާ ބެހޭ ގަވައިދާއި އެ ގަވައިދުތަކާ ގުޅުން ހުރި އެހެނިހެން ކޯޑުތަކާއި ބްރޯޑްކާސްޓުކުރުމަށް ފްރީކުއެންސީ ދޫކުރުމުގެ ގަވައިދާއި، ބްރޯޑްކާސްޓް ކުރުމުގައި ގެންގުޅެންވީ ސުލޫކީ މިންގަނޑު ނުވަތަ "ކޯޑް އޮފް ކޮންޑަކްޓް" ކަނޑައަޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްބީސީ އިން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ ހުރިހާ ގަވައިދުތަކާއި ކޯޑުތަކެއް އެ ކޮމިޝަނުން އެކުލަވައިލުމަށް ފަހު، ބްރޯޑްކާސްޓްރުންގެ އިތުރުން ކަމާ ބެހޭ އެހެން ފަރާތްތައް ނުވަތަ ސްޓޭކްހޯލްޑަރުން ހިމެނޭ "ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ"ގެ އިތުރުން އާންމުންނާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އެ ގަވައިދުތަކުގެ ތެރޭގައި ހިމެނޭ، ބްރޯޑްކާސްޓް ކުރުމުގައި ގެންގުޅެންވީ ސުލޫކީ މިންގަނޑު ނުވަތަ "ކޯޑް އޮފް ކޮންޑަކްޓް" ނިންމުމަށްޓަކައި "ބްރޯޑްކާސްޓް އެޑްވައިޒަރީ ކޮމިޓީ"ގެ އިތުރުން ކުރި އާއި މިހާރުގެ ނޫސްވެރިންނާއި ގުޅުން ހުރި އިދާރާތަކުގެ އިސް ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކަށް ވެސް ދައުވަތު ދީފައިވާ ކަމަށް ބްރޯޑްކާޓީން ކޮމިޝަނުން ބުންޏެވެ.