02 Feb 2012, 14:14
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ނަގާ ފީތައް ބޮޑުވުމުން ސްރީލަންކަން އެއާލައިންސް އިން މާލެ އިން ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފި އެވެ.
ރާއްޖެ އަށް ގިނަ ޓޫރިސްޓުން އަންނަ ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް ކަން ކުރާ އޭސް ޓްރެވަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ އަންނަ މާޗް މަހުން ފެށިގެން މާލެ އިން ސީދާ ޔޫރަޕަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަން ސްރީލަންކަން އެއާލައިންސް އިން އަންގާފައިވާ ކަމަށާއި އެގޮތަށް ނިންމީ އެއާޕޯޓްފީތައް ޖީއެމްއާރު ބޮޑުކުރާތީ އެއާލައިންގެ މާލީ ހާލަތު ހުރި ގޮތުން ގެއްލުމުގައި ސްރީލަންކަންސް އަށް ދަތުރު ކުރެވެން ނެތިގެން ކަމަށެވެ.
"އެބޭފުޅުންނަށް ގެއްލުންވާތީ ދިގު ފުލައިޓެއް ނުބާއްވާނެ. އެއީ މިކޮޅުން ތެޔޮ އަޅައިގެން ސީދާ ޔޫރަޕަށް ދިޔުން، މިހާރު ފީތައް ނަގާ ގޮތުން އެއާލައިނަށް ފައިދާއެއް ނުވާނެ. އެހެންވެ އެމީހުން އޮޕަރޭޓް ކުރާކަށް ބޭނުމެއް ނުވޭ، އެގޮތަކަށް،" ފިރާގް ވިދާޅުވި އެވެ.
ސްރީލަންކަން އިން މާލެ އިން ސީދާ މިހާރު ދަތުރުކުރަނީ އިނގިރޭސިވިލާތުގެ ލަންޑަނަށާއި ސުވިޒަލެންޑްގެ ޒިއުރިކަށާއި ޖަޕާންގެ ޓޯކިއޯ އަށެވެ.
އޭނާ ވިދާޅުވީ ޑައިރެކްޓް ފުލައިޓްތައް ހުއްޓާލި ކަމުގައި ވިޔަސް ކޮލަމްބޯ މަގުން ފްރާންސްގެ ޕެރިހަށާއި ރަޝިއާގެ މޮސްކޯ އަށާއި އިޓަލީގެ މިލާން އަށާއި ރޯމަށް އަދި ޖަރުމަނުގެ ބާލިން އަށް ދަތުރުތައް ކުރާނެ ކަމަށެވެ.
ސްރީލަންކަން މެދުވެރިކޮށް މަހެއްގެ މައްޗަށް 44000 ޕެސެންޖަރުން ރާއްޖެ އަންނަ އެއާލައިން އިން އެ ފިޔަވަޅު އެޅުމުން ފިރާގް ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަސް މަދުވެގެން ދާނެ ކަމަށާއި ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް އޭގެ ސަބަބުން އިތުރު ދަތިތައް ކުރިމަތިވާނެ ކަމަށެވެ.
"މީގެ ސަބަބުން މިހާރު ޓޫރިސްޓުން އެބަޖެހޭ ކޮލަމްބޯގައި ޓްރާންސިޓް ކުރަން. ކުރިން ރާއްޖެ އަށް އައިސް ދުވާލު ރިސޯޓަށް ދެވޭނެ. އެހެންވީމާ އެމީހުން ރިސޯޓުގައި މަޑުކުރާ ދުވަސް ވެސް މަދުވާނެ ކަމަށް ބެލެވޭ. އޭގެ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދައް ވެސް ބަދަލުތަކެއް އައިސްފާނެ،" ފިރާގް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސްރީލަންކަން އިން ރާއްޖެ އަށް މިހާރު ދަތުރުކުރާ އޭ 330 މަރުކާގެ ބޯޓުގެ ބަދަލުގައި ދެން ރާއްޖެ ދަތުރުކުރާނީ ވެސް އޭ 320 މަރުކާގެ ބޯޓު ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ނިންމަން ޖެހުނީވެސް މާލޭ އެއާޕޯޓުގެ ތެޔޮ އިންތިހާ އަށް އަގުބޮޑުވުމާ އެކު ކުންފުންޏަށް ބޮޑުގެއްލުމެއް ވާތީ ކަމަށެވެ.
އެ މައްސަލައިގައި ޖީއެމްއާރުގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
ސްރީލަންކަން އިން މާލެ، ޔޫރަޕް ދަތުރުތައް ހުއްޓާލާ އިރު ބިޔަ އެއާލައިން ގަތަރު އެއާވޭސް އިން ވެސް ވަނީ އެއާޕޯޓްގެ ފީތައް 51 ޕަސެންޓަށް ބޮޑުކުރަން އުޅޭ ކަމަށް ބުނެ އެއާލައިންގެ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރުދީފަ އެވެ.
ޖީއެމްއާރުން މިދިޔަ އަހަރު ތެރޭގައި ވެސް ވަނީ ދެތިން ފަހަރެއްގެ މަތިން ޖެޓް ފިއުލްގެ އަގު ވެސް ބޮޑުކޮށްފަ އެވެ.