02 Feb 2012, 13:16
ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ ޕްރޮޖެކްޓުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ)ގައި، ބިޑް ހުށަހަޅާ ފަރާތުން ބިޑްގައި ސޮއިކުރާ ފަރާތަށް ދީފައިވާ ޕަވާ އޮފް އެޓާނީއެއް ހުށަހަޅަންވާނެ ކަމަށާއި ބިޑް ހުށަހަޅަނީ ކޮންސޯޓިއަމް އަކުން ކަމަށްވާ ނަމަ، އެ ކޮންސޯޓިއަމްގެ އެހެން ބައިވެރިންގެ ފަރާތުން ބިޑްހުށަހަޅާ މެމްބަރަށް ދީފައިވާ ޕަވާ އޮފް އެޓަނީއެއް ހުށަހަޅަންވާނޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ކޮންސޯޓިއަމްއަކުން ހުށަހެޅި ޕްރޮޕޯސަލެއްކަން އެނގޭނޭ ޕަވާ އޮފް އެޓަނީއެއް ނެކްސްބިޒުން ހުށަހަޅާފައި ނުވާ ކަމަށް އޭސީސީން ބުނެފި އެވެ.
ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ޤާއިމްކުރުމަށް ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން، މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ދެމެދު އޮކްޓޯބަރު، 17،2010 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަށް އޭސީސީ އިން ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭސީސީގެ ގާނޫނީ ވަކީލު ފާތިމަތު އަނޫލާ ވިދާޅުވީ ބިޑް ހުށަހަޅަނީ ކޮންސޯޓިއަމް އަކުން ކަމަށްވާ ނަމަ، އެކޮންސޯޓިއަމްގެ އެހެން ބައިވެރިންގެ ފަރާތުން ބިޑްހުށަހަޅާ މެމްބަރަށް ދީފައިވާ ޕަވާ އޮފް އެޓަނީއެއް ހުށަހަޅަންވާނޭ ކަމަށް އާރުއެފްޕީގައި ބަޔާންކޮށްފައިވީ ނަމަވެސް ނެކްސްބިޒުން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާ އިރު، އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްއަކީ ކޮންސޯޓިއަމްއަކުން ހުށަހެޅި ޕްރޮޕޯސަލެއްކަން އެނގޭނޭ ޕަވާ އޮފް އެޓަނީއެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
"ނެކްސްބިޒުން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާ އިރު، އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްއަކީ ކޮންސޯޓިއަމްއަކުން ހުށަހެޅި ޕްރޮޕޯސަލެއްކަން އެނގޭނޭ ޕަވާ އޮފް އެޓަނީއެއް ހުށަހަޅާފައި ނުވޭ،" އަނޫލާ ވިދާޅުވި އެވެ.
އަނުލާ ވިދާޅުވީ ކޮންޓްރެކްޓާ ބެހޭ ޤާނޫނުގެ ފަސް ވަނަ މާއްދާގައި ކޮންޓްރެކްޓެއް ކުރެވެނީ އެކަކު އަނެކަކަށް ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވީ ފަރާތުން ގަބޫލު ކުރުމުން ކަމުގައި ބަޔާންކޮށްފައިވާ އިރު، ނެކްސްބިޒްގެ ބިޑް އިވެލުއޭޓް ކޮށްފައި ވަނީ އެބިޑްގެ ސަހައްހަކަން ގެއްލުނު ފަހުން ކަމަށްވެފައި، ނެކްސްބިޒާއި ޖާމަނީގެ، ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމް (ޖީއެމްބީއެޗް) އާއި އެޑަޕްޓިވް ރެކޮގްނިޝަން ހަންގޭރީ، ހިމެނޭ ކޮންސޯޓިއަމެއްގެ ނަމުގައި،އެ ކޮންސޯޓިއަމުގައި ހިމެނޭ ޖީއެމްބީއެޗްއާ އެޑަޕްޓިވް ރެކޮގްނިޝަން ހަންގޭރީ ހިމެނޭ ކޮންސޯޓިއަމްއަކުންކަން އެނގެންނެތި، ނެކްސްބިޒުން ހުށަހެޅި ހުށަހެޅުމެއް ގަބޫލުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ހަމައެކަނި ނެކްސްބިޒާއި އެކު، ކޮންސޯޓިއަމްގެ އަނެއް ދެބައިވެރިން ނުހިމެނޭ ގޮތަށް، ސައްހައަގުދެއް ވުޖޫދަށް އަންނާނެ ޝަރުއީ ހަމައެއް އޮތް ކަމަކަށް އޭސީސީން ނުދެކޭ ކަމަށެވެ.
އޭނާ ވިދާޅުވީ ނެކްސްބިޒުން ޕްރޮޕޯސަލާ އެކު ހުށަހަޅާފައިވާ "ލެޓާ އޮފް ޓެކްނިކަލް ބިޑް"ގެ ސައްހަކަން، ބިޑުކުރުމާ ބެހޭ ލިޔެކިޔުންތަކުގައި ވާ ގޮތުން ދެމިއޮންނާނީ ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 90 ދުވަސްވަންދެން ކަމަށާއި އެ މުއްދަތު ހަމަވުމުގެ ކުރިން، ކޮންމެ ވަގުތަކު ވެސް ބިޑް ގަބޫލުކުރެވިދާނެ ކަމަށާއި ބިޑް ހުށަހެޅިފަރާތުގެ މައްޗަށް ބިޑްގައި ބަޔާންކޮށްފައިވާ ކަންތައްތައް ލާޒިމުވާނީ އެ މުއްދަތުގެ ތެރޭގައިކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ބިޑް އިވަލުއޭޓް ކޮށްފައި ވަނީ އެ މުއްދަތުގެ މާފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭސީސީ އިން ވަނީ މި މައްސަލައާ މެދު ޝަރީއަތުން ގޮތެއް ނިމެންދެން ބޯޑާ ކޮންޓްރޯލް ގާއިމްކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އިމިގުރޭޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދިފަ އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަނައިބް އޮފީހުގެ ވަކީލަށް ފުރުސަތު ދެއްވުމަށް ފަހު އެވެ. އަދި މިރޭ 8:00ގައި ވަގުތީ އަމުރާއި ގުޅޭ ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށާއި އެ އަޑުއްހުމުގައި ބަންޑާރަ ނައިބް އޮފީހުގެ ވަކީލަށް ވަގުތީ އަމުރަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވާނެކަމަށް ވެސް އަލީ ނަސީރު ވިދާޅުވި އެވެ.