ބަޔަކު ނުކުމެ ގދ. ތިނަދޫ މެޖިސްޓްރޭޑް ކޯޓު ހިސޯރުކޮށް ޝަރީއަތް ކުރަން އެ ރަށަށް ދިޔަ ގައްދޫ ކޯޓުގެ ގާޒީ ރަށަށް އެރިޔަ ނުދީ ފައްސާލައިފި އެވެ.

އެ ރަށުގައި އެފަދަ މައްސަލަތަކެއް އުޅޭ ކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

"ފުލުހުން އެތަނަށް އެޓެންޑް ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް އަދިނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނީ ގދ. އަތޮޅު ކައުންސިލަރަކާ ގުޅޭ ގޮތުން ތިނަދޫ ކޯޓުން ބެލި މައްސަލައެއްގައި ހުކުމް އިއްވުމަށް އެ އަތޮޅު ގައްދޫ ކޯޓުގެ ގާޒީ ތިނަދު އަށް ވަޑައިގަތުމުން ލޯންޗް އެ ރަށަށް ކައިރިވިޔަ ނުދީ ބަޔަކު އެއްވެ ފޮނުވާލާފައިވާ ކަމަށެވެ.

"އެލޯންޗުގައި ފުލުހެއް ވެސް ހިމާޔަތުގައި އައި. ނަމަވެސް ރަށު މީހުން ދަނޑިތަކާއި އެއްޗިހި ހިފައިގެން ނުކުމެ ލޯންޗް ކައިރިކުރިޔަ ނުދިނީ. ފުލުހުންގެ އެހީއާ އެކު ތިން ފަހަރެއްގެ މަތިން ލޯންޗު ގާތްކުރެވޭތޯ ބަލައިފި. އެކަމަކު މީހުން ނުކުމެފައި އޮތުމުން އެކަމެއް ނުވި،" އޭނާ ބުންޏެވެ.

އަދި އޭނާ ބުނީ އެމީހުން ކޯޓުތެރެއަށް ވަދެ ކޯޓުގެ ހުރިހާ މުވައްޒިފުން ވެސް ގެޔަށް ފޮނުވާލައި ކޯޓު ބަންދުކޮށްފައިވާ ކަމަށާއި ކޯޓު ހުރީ މިހާރު ހަޅުތާޅުކުރާ މީހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

http://www.sun.mv/uploads/l_1495634.jpg
"އެމީހުން އެންމެ ފަހުން ކޯޓަށް ވެސް ވަދެ، އެންމެން ގެޔަށް ފޮނުވާލީ. އަދި ފިލާގަނޑެއް ޖަހައިގެން ކޯޓު ބަންދުކުރަން އެ މީހުން މަސައްކަތް އެބަކުރޭ،" އޭނާ ބުންޏެވެ.

އެ މައްސަލައިގައި ރަށު ކައުންސިލަށް ތަކުރާރުކޮށް ގުޅިއިރު ވެސް ފޯނަށް ޖަވާބު ދީފައި ނުވާތީ ކައުންސިލްގެ ބަހެއް ވަނީ ލިބޭ ގޮތެއްނުވެފަ އެވެ.

ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ރަށުގެ ކޯޓު ބަންދުކޮށް ގާޒީއެއް ފައްސާލާފައި މިވަނީ ދަށު ކޯޓުތަކުގެ ގާޒީން ސައްހަ ނޫން ކަމަށާއި ދަށު ކޯޓުތަކުގެ ހުކުމަށް ތަބާ ނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ބެލެވޭ އޯޑިއޯއެއް ލީކްވެފައިވާ ދަނޑިވަޅެއްގަ އެވެ.