އެއް އަހަރު ދުވަހުގެ ޓިއުޝަން ފީ މާފުވާ ގޮތަށް ބިލަބޮން އިންޓަނޭޝަނަލް ހައި ސްކޫލްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 15 ސްކޮލަޝިޕް ފުރުސަތު އެ ސްކޫލުން ހުޅުވާލައިފި އެވެ.

ބިލަބޮން ހައިސްކޫލުން މިއަދު ބުނީ އެ ސްކޫލުން ހުޅުވާލި ސްކޮލަޝިޕުގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގްރޭޑް 6 އާއި ގްރޭޑް 10 ގައި ކަމަށެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމަށް ބިލަންބޮން އިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އެންމެ ފަހު ޓާމްގެ ފައިނަލް އެގްރިގޭޓް މާކްސް އިން 75 ޕަސެންޓް ލިބިފައި ވުމާއި ހުރިހާ މާއްދާ އަކުން އެންމެ ދަށް ވެގެން 50 ޕަސެންޓް ލިބިވުން ހިމެނެ އެވެ.

އަދި ސްކޫލްގައި އޮންނަ އިތުރު ހަރަކާތްތަކުގައި ބައިވެރިވާ ދަރިވަރަކަށް ވުމާއި އަހުލާގު ރަނގަޅުވުމާއި އެންމެ ފަހުގެ ދިރާސީ އަހަރުގެ ފަހު ޓާމުގައި ރާއްޖޭގެ ސްކޫލެއްގައި ކިޔެވި ދަރިވަރަކަށް ވުމަކީ ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

ބިލަބޮން ހައި ސްކޫލްގެ ސްކޮލަޝިޕް ރިޕީޓްކޮށް ވެސް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެސްކޫލުން ބުންޏެވެ.

ސްކޮލަޝިޕަށް ކުރިމަތިލުމަށް ކުރިމަތިލާ ސަބަބު ބަޔާންކޮށް އިނގިރޭސި ބަހުން ލިޔެފައިވާ ސިޓީއަކާއި ދަރިވަރުގެ އައިޑެންޓިޓީކާޑްގެ ކޮޕީ އަދި މިދިޔަ އަހަރުގެ ރިޕޯޓްކާޑް ހުށައަޅާނީ ނުވަތަ މެއިލް ކުރާނީ މިމަހުގެ ނުވަނަ ދުވަހުގެ ކުރިން ކަމަށް އެސްކޫލުން ބުންޏެވެ.