02 Feb 2012, 12:36
ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ރޭ ވެސް މުޒާހަރާ ކުރަން މަސްމާރުކޭޓް ސަރަހައްދަށް ޖަމާވަމުން ދަނިކޮށް މުޒާހަރާ ވައިގައި ނުހިފަނީސް ފުލުހުން ހަރުކަށިކޮށް މުޒާހަރާ ރޫޅާލުމަށް ފަހު ރޭކޯޑް އަދަދަކަށް މުޒާހަރާގެ އިސް އެކްޓިވިސްޓުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް ހަސަން ހަނީފު ރޭ ވިދާޅުވީ މުޒާހަރާގެ ތެރެއިން 38 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު ރޭ ދޫނުކޮށްފައިނުވާ ކަމަށެވެ.
ރޭގެ މުޒާހަރާ ފެށެމުގެ ގޮތުން މަސްމާރުކޭޓް ސަރަހައްދުގައި ވާހަކަ ދައްކަމުންދަނިކޮށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި މުޒާހަރާގެ އިސްރޯލެއް އަދާކުރަމުންގެންދާ އަހުމަދު ސިއްދީގު ހައްޔަރުކުރުމަށް ފަހު މުޒާހަރާގެ އެއްވެސް ބައިވެރިއަކު މަސްމާރު ކޭޓް ސަރަހައްދަށް އެއްނުވުމަށް ފުލުހުން އިންޒާރުދިން ނަމަވެސް މާޒް އަހުމަދު ސަލީމުގެ ލީޑަރުކަމުގެ ދަށުން މުޒާހަރާ އެކުލަވާލިއެވެ. އެހެންނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ފުލުހުން ދުވެ މުޒާހަރާ ވިއްސި ވިހާލި ކޮށްލި އެވެ.
އެހެން ރޭތަކައި ހިލާފަށް އިންޒާރުދިނުމަށް ފަހު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރަޔަޓްފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހާ ދުވުމަށް ފަހު މުޒާހަރާގެ ކުރީ ސަފުގައި ހަރަކާތްތެރިވި ވަކިވަކި އެކްޓިވިސްޓުން ފާހަގަކޮށް އެމީހުން ހައްޔަރުކޮށްފަ އެވެ. މަސްމާރުކޭޓް ސަރަހައްދަށް އެއްވި މީހުން ތިން ހަތަރު ބުރެއްގެ މަތިން ފަހާލައި އޭގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓުންގެ ތެރެއިން 26 ވަރަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި ފަސް އަންހެނަކު ވެސް ހިމެނެ އެވެ. މުޒާހަރާގެ އިސްދައުރެއް އަދާކުރަމުން ދިޔަ އަންހެނުން ހައްޔަރުކުރި ވަގުތު ބައެއް އަންހެނުން ރުޅިއަރުވާލުމުގެ ގޮތުން ފުލުހުން ވަނީ ވަރަށް ހަށުކަށިކޮށް ވާހަކަ ދައްކާފައިކަން ފާހަގަކުރެވެ އެވެ.
މުޒާހަރާގެ ބައިވެރިން މަސްމާރުކޭޓް ސަރަހައްދުން ފަހަމުން އެމްޕީއެލް ސަރަހައްދާ ހަމައަށް ދުރައްޖެއްސުމާ އެކު މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން ގޮސް އަލަށް ހަދާފައިވާ ބަނދަރުގެ ތެރެއަށް ވަނުމުން އެތާގެ ސެކިއުރިޓީން ދޮރުލައްޕާފައި ވަނިކޮށް މީހުންތައް ވަނީ ދޮރު ފޭކޮށްލައިގެން ނުކުމެފަ އެވެ. އެ ހާހިސާބުން ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކުރީގައި ހުންވައިގެން މުޒާހަރާ ލީޑްކުރަމުން މުޒާހަރާގެ ބައިވެރިން ޗާންދަނީމަގު ޖަންކްޝަން ސަރަހައްދަށް މިސްރާބުޖެހި އެވެ.
ޗާންދަނީމަގުގައި ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަމުން ދަނިކޮށް އަނެއްކާ ވެސް ފުލުހުން މުޒަހަރާގެ ބައިވެރިން ފަހަމުން ގެންގޮސް އެސަރަހައްދުން ވެސް 12 ވަރަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެހާހިސާބުން މުޒާހަރާ ލީޑްކުރާނެ ވަކިފަރާތެއް ނެތި އެއްވި މީހުންގެ ތެރެއިން ޒުވާން ގުރޫޕަކުން މުޒަހަރާ ލީޑްކުރަމުން ގެންދިޔަނަމަވެސް ޗާންދަނީމަގުން ތިން ފަހަރެއްގެ މަތިން މުޒާހަރަ ފުލުހުންރޫލާލުމާ އެކު މުޒާހަރާ ވަނީ ވިއްސިވިހާލިވެގެން ގޮސްފަ އެވެ.
ރޭގެ މުޒާހަރާ ހިނގަމުންދިޔަ ވަގުތު އެމް އެންބީސީގެ ގިނަ އަދަދެއްގެ ނޫސްވެރިން މީޑިޔާ ފާސްނާޅައި އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިއުމުގެ ސަބަބުން އެމްއެންބީސީ ނޫން އެހެން ހުރިހާ ނޫސްވެރިން ވަނީ އެކަމާ ދެކޮޅަށް ފުލުހުންގެ ކައިރީގައި މައްސަލަ ޖައްސާފަ އެވެ. އެތަނުން އެއް ނޫސްވެރިއަކު ބުނެފައި ވަނީ އެމްއެންބީސީ އާއި އެހެން މީޑިޔާތަކާ ފުލުހުން ތަފަތުކުރާ ކަމަށާއި އެމްއެންބީސީގެ ނޫސްވެރިންގެ ފާސްނުފެންނަ ގޮތަށް ތިބި ނަމަވެސް އެމީހުންނަށް ހިމާޔަތްދޭ ކަމަށެވެ. އަދި އެހެން ސްޓޭޝަންތަކުގެ ނޫސްވެރިން ފާސް ފެންނަން ހުރި ނަމަވެސް ލޮލަށް ޕެޕާ ސުޕްރޭ ޖެހުމާއި ނޫސްވެރިންނަށް ހުރަސް އެޅުމުގެ ކަންކަން ފުލުހުން ކުރާކަމުގެ ޝަކުވާ ރޭ މުޒާހަރާ ކަވަރުކުރަން އުޅުނު 12 ވަރަކަށް ނުސްވެރިން ވަނީ ފުލުހުންނަށް ހުށައަޅައިފަ އެވެ. ފުލުހުންގެ އޮފިޝަލް ބުނެފައި ވަނީ އެއްވެސް ނުސްވެރިޔަކު ތަފާތުނުކުރާ ކަމަށް ބުނެ އަދި ގަސްތުގައި ޕެޕާ ސްޕްރޭ ވެސް ފުލުހުން ނުޖަހާނެ ކަމަށް ބުނެފަ އެވެ.
ރޭގަ ކުރަމުންދިޔަ ސުލްހަވެރި މުޒާހަރާގައި ފުލުހުން މީހުން ހައްޔަރުކުރުމުގައި ބައެއް މީހުންގެ ލޮލަށް ޕެޕާ ސުޕްރޭ ގިނަ އަދަދަކަށް ޖެހިކަން ފާހަގަކުރެވުނެވެ. އަދި އެސަރަހައްދަށް ދިޔަ ކުޑަކުއްޖެއްގެ ލޮލަށް ވަރަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ޖަހަނިކޮށް ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން ވަނީ އެ ކުއްޖާގެ މޫނު ދޮށްވައިފަ އެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައި ވަނީ ގާނޫނު އަސާސީން ލިބިފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފުލުހުން ހުރަސް އަޅަމުން ގެންދާ ކަމަށާއި އެކަން އެގޮތަށް ކުރާނީ ރައީސް ނަޝީދުގެ އޯޑަރަށް ކަމަށެވެ. އަދި މުޒާހަރާ ރޫޅާލި ނަމަވެސް އަލުން އެއްވެ މުޒާހަރާކުރާނެ ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.