މިހާތަނަށް ރާއްޖޭގައި ކޮވިޑް19 ވެކްސިން ދޭން ފެށިފައި ނުވަނީ މީހުން ދިރިއުޅޭ އެންމެ ދެ ރަށުގައި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 181 ރަށުގެ ތެރެއިން މިހާތަނަށް ވެކްސިން ދޭން ފެށިފައި ނުވަނީ ހއ. މުރައިދޫ އާއި ވ. ފުލިދޫގައި އެކަނި ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ ސަރަހައްދުތަކުގެ އެހެން ފެސިލިޓީތަކުން މޯބައިލް ޓީމުތައް ގޮސް އެ ދެ ރަށުގައި ވެސް ވެކްސިން ދޭން ފަށާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު މިއަދާއި ހަމައަށް 98،311 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

މިއަދު ރާއްޖެގައި 7،323 މީހުންނަށް ވެކްސިން ދިން އިރު މާލެ ސަރަހައްދުގަައި 4،825 މީހަކަށް އަދި އަތޮޅު ތެރޭގައި 2،498 މީހަކަށް ވެކްސިން ދީފައި ވެއެވެ.

މާލޭގައި މިވަގުތު ނުވަ ސެންޓަރެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތެރޭގައި 169 ވެކްސިން ސެންޓަރު އެބަހުއްޓެވެ.

ރާއްޖޭގައި ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިން އެވެ. އިންޑިއާ އިން ފުރަތަމަ ހަދިޔާކުރި އެއްލައްކަ ޑޯޒްގެ އިތުރުން އިތުރު އެއްލައްކަ ޑޯޒްގެ ވެކްސިން ވަނީ ރާއްޖެ އަށް ހަދިޔާ ކޮށްފަ އެވެ.