ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާތަކެއް ނުފެންނަ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވަނީ ކޮވިޑްގެ ތިން ރާޅާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކާއި ފިޔަވަޅުތަކަށްފަހު މީހުން ވައިރަހަށް ޕޮޒިޓިވްވާ އަދަދަށް އައިސްފައިވާ ބަދަލުތައް ހިއްސާކުރައްވައިފަ އެވެ.

ޑރ. ޝަހީދު ވަނީ ދެވަނަ ރާޅާއި ތިން ވަނަ ރާޅުގައި ހަފްތާއެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފެންނަ ގްރާފެއް ހިއްސާކުރައްވައިފަ އެވެ. އެ ގްރާފުން ދައްކާގޮތުން ދެވަނަ ރާޅުގައި ހަފްތާއެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ 970 ކޭސް އެވެ.

ނަމަވެސް ތިން ވަނަ ރާޅުގައި 1000 އަށް ވުރެ ތިން މީހުން ޕޮޒިޓިވްވި ހަފްތާއެއް ވެސް ގޮސްފައިވާ ކަމަށެވެ.

ކޮވިޑްގެ އަދަދުތައް މައްޗަށް ދާން ފެށުމާއެކު، ކޮވިޑް ކޮންޓްރޯލްކުރަން މާލެ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކުރި އެވެ. އެގޮތުން ކާފިއު ހިންގައި، އިރުއޮއްސި ހަޔަކުން ފެށިގެން އުޅަނދު ދުއްވުން މަނާކުރި އެވެ.

"ނަމަވެސް ގްރާފަށް ބަލާލާއިރު، ފިޔަވަޅުތަކާ އެކު ވެސް އަދި މާބޮޑެތި ބަދަލުތަކެއް އަންނަކަމުގެ ނިޝާނެއް ނުފެނެ. ހަމަ ހަފްތާއެއްގެ މައްޗަށް މީހުން ޕޮޒިޓިވްވާ އަދަދު މި ފެންނަނީ 900 އަށް ވުރެ މަތީގަ. އެހެންވީމަ އަޅުގަނޑުމެންނަށް މި ގްރާފުން މި ފެންނަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް އަދި ނުފެންނަ ތަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޖެނުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން، އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް ފަސް ޕަސެންޓަށް މަތިވެފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

"މީގެން މި ދައްކައިދެނީ އަދިވެސް ކޮންޓްރޯލް ވުމެއް ނެތި ގިނަ އަދަދައަކަށް ކޮވިޑް19 ވައިރަސް ފެތުރެމުން ދާކަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ތިންވަނަ ރާޅު އޮތް އިރު، ބަލީގައި ހާލު ސީރިއަސްވެ އެޑިމިޓްކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ބޮޑުތަން އިތުރުވެފަ އެވެ. އެހެންކަުން ދެވަނަ ރާޅަށް ވުރެ ތިން ވަރަ ރާޅުގެ ހާލަތު ގޯސްކަން އެޗްއީއޯސީން ވަނީ ފާހަގަކޮށްފަ އެވެ.

ވެހިކަލް ދުއްވުން މަނާކުރުމުން ވެސް ގޭގައި ނުތިބޭ!

ޑރ. ޝަހީދު މިރޭ ވިދާޅުވީ، ދެވަނަ ރާޅުގައި ވަކި ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާކުރުމުން ބަލި ކޮންޓްރޯލް ކުރަން ފަސޭހަވެގެން ދިޔަ ކަމަށެވެ.

ނަމަވެސް މިފަހަރު ރޭގަނޑު ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް، މީހުންގެ މޫވްމަންޓްތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށެވެ.

"އަޅުގަނޑު ކުރިން ވެސް ދެންނެވިހެން ބައްޔާމެދު މީހުން ސަމާލުވާ މިންވަރު އަސްލު ކުޑަވެފަ ވާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުކުރުން ވެސް ގިނަ ކަމަށާއި، ޒަރޫރީ ބޭނުން ނޫން ގޮތަށް ބޭރުގައި އުޅުމާއި، އެކި ކަހަލަ އެއްވުންތައް ބޭއްވާކަން ވެސް ފާހަގަވާ ކަމަށެވެ.

ހަމައެއާއެކު ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް، ގިނަ އަދަދަކަށް ރެގަނޑު ވަގުތުގައި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަނުގައި މީހުން ކެއންބުއިމުގައި އުޅޭ ކަމަށާއި، އަދި ކައި ނިމިގެން ވެސް ގިނަ އިރުތަކެއް ވަންދެން މާސްކް ނާޅާ ވާހަކަދައްކަން ތިބޭ ކަމަށެވެ.

"މީ ހައި ރިސްކް ކަންކަން. ބަލި ފެތުރުމަށް މަގުފަހިވާ ކަންކަން މީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ކެފޭ، ރެސްޓޯރަންޓުތަކަކީ ހައި ރިސްކު ތަންތަނުގައި ގޮތުގައި ބަލައި، މާދަމާ އިން ފެށިގެން ހަތް ދުވަހުގެ ނިޔަލަށް ރޭގަނޑު އަށަކުން ފެސިގެން އެފަދަ ތަންތަނުން ހަމައެކަނި ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް ދިނުމަށް ވަނީ އަންގައިފަ އެވެ.

ޑރ. ޝަހީދު ވިދާޅުވީ ފިޔަވަޅުތަކުގެ ނަތީޖާ ބެލުމަށް މަޝްވަރާކޮށްފައިވާ ކަމަށާއި، އަދި މިހާރަށް އަޅާފައިވާ ފިޔަވަޅުތަކާއެކު އެދެވޭ ބަދަލުތަކެއް އަދި އަންނަ ކަމަށް ނުފެންނަ ކަމަށެވެ.

މާލޭގައި ކޮވިޑް-19ގެ ހާލަތު މިހާރު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިއަދު އެކަނި ވެސް ރާއްޖެއިން 184 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 145 މީހުން ހިމެނެ އެވެ.