25 Feb 2021, 22:32
މާލެ ސިޓީގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކުރިއަށް އޮތް ހަތް ދުވަހު ރޭގަނޑު އަށަކުން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކޮށްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 20:00 ން 22:30 އަށް މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށެވެ.
މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހާ ތަންތަން ހިމެނޭނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް 22:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެ ކަމަށެވެ.
އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ކެފޭ، ރެސްޓޯރަންޓުތަކަށް ގޮސް މާސްކް ނާލައި ގިނަ ވަގުތު ވާހަކަދައްކަން ިތިބޭކަން ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހައި ރިސްކު އެކްޓިވިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މާލޭގައި ކޮވިޑް-19ގެ ހާލަތު މިހާރު ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
މިއަދު އެކަނި ވެސް ރާއްޖެއިން 184 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 145 މީހުން ހިމެނެ އެވެ.