ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމަށް މުހައްމަދު ފަޒީން އަދި އައިޝަތު ޝިފްޒާ މުސްތަފާއަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމުގެ ގޮޑި ހުސްވީ، ކުރިން ކޮމިޝަންގެ މެމްބަރުކަން ކުރެއްވި ޒީނާ ޒާހިރު ވަކި ކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން ދަނިކޮށް، މިދިޔަ އޮކްޓޯބަރު މަހު އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެނެވެެ.

އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ލިސްޓުގެ ކުރީގައި ވެސް ހިމެނުނީ ފަޒީން އާއި ޝިފްޒާ އެވެ.

ރައީސް ފޮނުއްވި 11 ނަމުގެ ތެރެއިން ކޮމިޓީން ވަނީ ނުވަ ބޭފުޅަކާ އިންޓަވިއުކޮށްފަ އެވެ. އަނެއް ދެ ބޭފުޅުން ވަނީ އިންޓަވިއުއަށް އެންގި ފަހުން ނަން އަނބުރާ ގެންދަވައިފަ އެވެ.

އަދި އިންޓަވިއު އަށް ފަހު، ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވީ ފަޒީން އާއި ޝިފްޒާ އެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ ގޮނޑިއަށް އައްޔަންކުރާނެ ފަރާތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުންނެވެ.