25 Feb 2021, 18:46
ހެންވޭރު ކާނިވާ ސަރަޙައްދުގެ އެއްބަސްވުންތައް ދިރާސާކޮށް އެއްބަސްވުންތަކާ ގުޅިގެން ހޯދަން ޖެހޭ އިތުރު ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްކޮށް ނިމިފައިވާ ކަމަށާއި އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުނުކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ސަރަހައްދުގެ ބިންތައް ބެލެހެއްޓުން ކައުންސިލާ ހަވާލުކުރީ ހަމައެކަނި އެބިންތައް ބެލެހެއްޓުމަށް ކަމަށެވެ.
އެގޮތުން ބިންތައް ހަވާލުކުރުމުގައި އެތަނުގައި ހުރި ވިޔަފާރިތަކުގެ އެއްބަސްވުންތައް ބެލެހެއްޓުމުގައި ސިޓީ ކައުންސިލަށް މަތިކޮށްފައިވަނީ އެ ސަރަހައްދުގައި މިހާރު ހިނގަމުންދާ ކެފޭ ތަކާއި އެނޫންވެސް ތަންތަނަށް ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވެފައިވާނަމަ އެތަންތަން ހުސްކުރުމާއި، އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރުނުކުރުމާއި، އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާ ފަރާތްތަކުގެ އެއްބަސްވުން ބާތިލްކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތަށް ހަމަޖައްސައި މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ މާލޭ ރީ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކާނިވާ ސަރަހައްދަށް އެކުލަވާލައިފައިވާ ޕްލޭން ތަންފީޒުކުރުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރުމަށެވެ. އަދި ކާނިވާ ސަރަހައްދުގެ ބިންތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެއްވުމާ ގުޅިގެން، އެތަނުގެ އެއްބަސްވުންތައް ދިރާސާކޮށް އެއްބަސްވުންތަކާ ގުޅިގެން ހޯދަން ޖެހޭ އިތުރު ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްކޮށް މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ އެ ބިންތަކުގެ މިހާރު އޮތް އެއްވެސް އެއްބަސްވުމެއްގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށާއި އަދި މުއްދަތު ހަމަވާ އެއްބަސްވުންތައް ބާތިލްކުރާނެ ކަމަށެވެ. އެއީ ކާނިވާ ސަރަހައްދުގެ ބިންތަކާ ބެހޭގޮތުން އަމަލުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ކައުންސިލުން ބުންޏެވެ.
އެ ތަންތަނުގެ ބިންތަކާބެހޭ މައުލޫމާތު ސިޓީ ކައުންސިލްގެ ވެބްސައިޓްގައި ހާމަކުރާނެ ކަމަށް އިއުލާނުގައިވެ އެވެ.