ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ތިރީގައި ހުންނަ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޭރު ބިއްލޫރި ގަނޑާއި އަދި ފިނޭންސް މިނިސްޓްރީގެ ބޭރު ބިއްލޫރި ގަނޑު ތަޅާލައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރެ އާއި އިއްޔެރޭ މުޒާހަރާ ހިނގި ވަގުތު ފިނޭންސް މިނިސްޓްރީގެ ބޭރު ބިއްލޫރިތަކެއް ތަޅާލާފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެރެ އާއި ރޭ ވެސް މީރާގެ ބޭރު ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި އަދި ރޭ އެ އޮފީހުގެ ތިރީ ދޮރުގެ ބިއްލޫރިގަނޑު ވެސް ތަޅާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޭރު ބިއްލޫރިގަނޑު ތަޅާލީ ރޭ ނުވެއް ޖަހާ އެހާކަންހާއިރު ކަމަށާއި ދޮރުގެ ބިއްލޫރިގަނޑު ތަޅާލީ ފަތިހުކަމަށް ބެލެވޭ ކަމަށެވެ.

"ފުލުހުން ވެސް ތިއްބާ ކަމަށް އަޅުގަނޑަށް ބެލެވެނީ އެ ބިއްލޫރިތައް ތަޅާލީ. އެއީ އިއްޔެރޭ ތަޅާލީމާ އަޅުގަނޑުމެން ފުލުހުންގެ އެހީއަށް އެދިފައި އޮންނާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ އޮފީހުގެ ބިއްލޫރިތައް ތަޅަނީ އެ އޮފީހަށް ޓާގެޓްކޮންގެން ނޫން ކަމަށް ބެލެވޭ ކަމަށެވެ.
"އެއީ އަނެއް ފަޅި، ފިނޭސް ވެސް ތަޅާލާފައި ހުރީ. އެހެންވީމާ އެހެން ދަމުން ތަޅާލީ ކަމަށް ބެލެވެނީ. ވަކި އަޅުގަނޑުމެންނަށް އަމާޒުކޮށްގެނެއް ނޫން އެއީ،" އޮފިޝަލް ވިދާޅުވި އެވެ.

މީރާގެ ބިއްލޫރިތައް ތަޅާލާފައި މި ވަނީ ޓެކްސް ދެއްކުން މަޑުޖައްސާލުމަށް ވިޔަފާވެރިންގެ ޖަމްއިއްޔާ އިން ގޮވާލާފައި ވަނިކޮށް ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިރާ އިން އިއްޔެ ބުނެފައި ވަނިކޮށެވެ.

މީރާގެ އިތުރަށް ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް އިމާރާތުގެ ބޭރު ބިއްލޫރިގަނޑު ވެސް ތަޅައިލައިފަ އެވެ.