19:00


ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާއަށާއި ގޭބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިނިވަންކުރުމަށް ގޮވާލައި ޑީއާރްޕީން ފުވައްމުލަކުގައި މިއަދު ހަވީރު އެއްވުމެއް ބާއްވައިފި އެވެ.


މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޑީއާރްޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަދި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އެރަށުގައި ހުންނަވައިގެން މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އެއްވުމުގައި ގާތްގަނޑަށް 1000 މީހުން ބައިވެރިވި ކަމަށެވެ.


އެއްވުމުގެ ބައިވެރިން ވަނީ ފުވައްމުލަކު ފުލުސް އޮފީސް ކައިރިއަށް އެއްވެ، ގޭބަންދުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި، މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ދޫކޮށްލުމަށް ގޮވާލާ، އަޑުގަދަކޮށްފަ އެވެ. މީގެ އިތުރުން، މުޒާހަރާ ކުރިއަށް ދިޔައިރު ގާސިމާއި ޔާމީން ވަނީ ފޯނުން ގުޅުއްވައި އެއްވުމުގައި ބައިވެރިވި މީހުންނާ މުހާތަބުކުރައްވާފައި ކަމަށް މަހްލޫފް ވިދާޅުވި އެވެ.


ޣައިރު ޤާނޫނީ އަމަލުތަކެއް ސަރުކާރުން ހިންގަމުންދާ ކަމަށް ބުނެ އެ ކަމާ ދެކޮޅަށް އަޑުއުފުލުމަށް އެއްވުމެއް މާލޭގައި ބޭއްވުމަށް ޑީއާރްޕީގެ ކައުންސިލުން ރޭ ވަނީ ނިންމައިފަ އެވެ.


ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހު ވިދާޅުވީ، މިހާރު ހިނގަމުންދާ ސިޔާސީ ކަންތައްތަކާ ގުޅޭ ގޮތުން ޑީއާރްޕީގެ އަޑު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި މާލޭގައި މާދަމާ ރޭ އެއްވުމެއް ބޭއްވުމަށް ނިންމާފައިވަނީ ޑީއާރްޕީ ކައުންސިލުގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށާއި އެ އެއްވުމުގައި ޑީއާރްޕީގެ އިސް މެމްބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ މީހުން ބައިވެރިވާނެ ކަމަށެވެ. އަދި އަތޮޅުތަކުގެ ޑީއާރްޕީގެ ގޮފިތަކުންވެސް ސަރުކާރުގެ އަމަލުތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، އަޑުގަދަކުރުމަށް މުޒާހަރާ އާއި އެއްވުންތައް ބޭއްވުމަށް ރާވަމުން އަންނަ ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.