25 Feb 2021, 15:24
ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މާމުނަގައު ރިސޯޓުން މޫދަށް ފޭބިފަހުން ހަބަރެއް ނުވެގެން ހޯދަމުން އަންނަ ފަތުރުވެރިޔާ ބަޔަކު ރަހީނުކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ތަހުގީގަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އެގޮތަށް ބުނީ އެ އަންހެން މީހާގެ ފިރިމީހާ ޕަރްމާރް ގޫރްޝަރަންޖީތު ސިންގް ދުބާއީގެ ހަލީޖް ޓައިމްސް ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާގެ އަނބިމީހާ ވަގަށް ނެގީ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. އަދި އޭނާ ހޯދައިދިން ބަޔަކަށް 100،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށް ބުނެފައިވެ އެވެ.
ގެއްލުނު އަންހެން މީހާ އަކީ ދުބާއީގައި ދިރިއުޅޭ ކެނެޑާ އަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ގިއެޑްރީ ވަސްކައިޓް އެވެ. އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފެށީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އެވެ. ނަމަވެސް، އޭނާގެ ހަބަރެއް އަދިވެސް ނުވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެ އަންހެން މީހާ ގެއްލުނު މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ އޮފިޝަލު އަދި ވިދާޅުވީ ފުލުހުންނަށް ލިބިފައި ހުރި ހެކިތަކުން ބެލެވެނީ އޭނާ މޫދަށް ގެއްލުނީ ކަމަށެވެ. ރަހީނު ކުރުން ނުވަތަ ވަގަށް ނެގުން ފަދަ އެހެން އެއްވެސް ކަމެއް ހިނގިކަމަށް ދަލީލު ލިބޭ ހެއްކެއް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ސިންގް ހަލީޖް ޓައިމްސްއަށް ކިޔައިދިން ގޮތުގައި އޭނާގެ އަންހެނުން މޫދަށް އެރެން ދިޔައީ މެންދުރު ފަހު 3:30 އެހާކަންހާއިރެވެ. އޭނާ ބުނީ އަންހެނުން މޫދަށް ދިޔުމުން ރޫމަށް ގޮސް ޖައްސާލިތަނާ ނިދުނީ ކަމަށާއި އިރުއޮއްސުނު ފަހުން ހޭލެވުނު އިރު އަންހެނުން ނެތުމުން ރިސޯޓުގެ ސަމާލުކަމަށް އެކަން ގެނައި ކަމަށެވެ. އޭގެ ފަހުން ރ. މީދޫ ޕޮލިސް ސްޓޭޝަނުގައި އަންހެނުން ގެއްލުނު މައްސަލަ ފައިލް ކުރި ކަމަށް ވެސް ސިންގް ބުނެފައިވެ އެވެ.
ސިންގްގެ އާއިލާގެ އިތުރު މީީހަކާ ހަވާލާދީ ހަލީޖް ޓައިމްސް އިން ބުނެފައި ވަނީ ގިއެޑްރީ އަކީ ފަތަން ދަންނަ މީހެއް ކަމަށެވެ. އަދި އޭނާ ތިލަ ސަރަހައްދަކަށް ގެނބޭނެ ކަމަށް އާއިލާއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ގެނބުނު ނަމަވެސް މިހާރު ފެނުން މައްޗަށް އަރައި ހަށިގަނޑު ފެންނަހާ ދުވަސް ވެއްޖެ ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ.
ވައިގެ މަގުންނާއި ކަނޑުގެ މަގުން ގިއެޑްރީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރި އެވެ. އެކަމަށް ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުން ކުރި އެވެ. އަދި ޑައިވަރުން ކަނޑުގެ އަޑި ބަލައި ހޯދި އެވެ.
ފަތުރުވެރިޔާ ހޯދުމަށް ޑައިވްކޮށްގެން 1،549،162 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވެ އެވެ.