ގާމިން ބްރޭންޑްގެ ގަޑި ރާއްޖެއަށް ތައާރަފުކޮށް، ބްރޭންޑް އެމްބެސެޑަރަކަށް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ހަމަޖައްސައިފި އެވެ.

ގާމިން ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ ޕާމް ޓްރީ މެރިން އެވެ.

ގާމިންގެ ބްރޭންޑް އެމްބެސެޑަރަކަށް އައްފާލް ހަމަޖައްސައި، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހެނދުނު ސިޓްރޯންގައި ބޭއްވި ހަފްލާއެއްގަ އެވެ.

އެ އެއްބަސްވުމުގައި ޕާމް ޓްރީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް އެވެ.

ގާމިން ގަޑީގެ ބްރޭންޑް އެމްބެސެޑަރަކަށް އޭޑީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ހަމަޖެއްދުން-- ސަން ފޮޓޯ/ފަޔާޒު މޫސާ

ގާމިންގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސި އައްފާލްއަކީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ސިއްހީ އެކި ކަންކަމުގައި އިސްނަންގަވާ އަދި ހޮބިއިސްޓް ދުވުންތެރިއެއްގެ އިތުރުން ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.

ބްރޭންޑް އެމްބެސެޑަރުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އައްފާލް ވިދާޅުވީ ގާމިން ގަޑިތަކުގެ އެކި ރޭންޖުތައް ހިމެނޭ ކަމަށާއި ވަކި ކަންކަމަށް ހާއްސަކޮށްފައިވާ މޮޑެލްތައް ވެސް ލިބޭނެ ކަމަށެވެ.

އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކަށް ބޭނުންތެރި މޮޑެލްތަކުގެ އިތުރުން ނެވިގޭޝަން، ދުވާ މީހުންނާއި ސައިކްލިސްޓުން އަދި ޑައިވިންއާއި އޭވިއޭޝަންއަށް ހާއްސަ ގާމިން ގަޑި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހާޓް ރޭޓްއާއި ހަށިގަނޑުގައި އޮކްސިޖަން ހުންނަ މިންވަރު ފަދަ ހަށިގަނޑާ ގުޅޭ މުހިންމު މައުލޫމާތު ގާމިން ބްރޭންޑުގެ ގަޑިތަކުން ކޮންމެ ދުވަހަކުވެސް ބަލައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަދި ގާމިން ގަޑީގެ ބްރޭންޑް އެމްބެސެޑަރު އަހްމަދު އައްފާލް-- ސަން ފޮޓޯ/ފަޔާޒު މޫސާ

ގާމިންގެ ބްރޭންޑް އެމްބެސެޑަރު ހަމަޖެއްސުމުގެ އިތުރުން މިއަދުގެ ހަފްލާގައި ގާމިން ގަޑީގެ ޑީލާ އަދި ގާމިން މެރިންގެ ޑީލާވެސް ވަނީ ހަމަޖައްސާފަ އެވެ.

ގާމިން ގަޑީގެ ޑީލާއަކަށް ހަމަޖައްސާފައިވަނީ ކްލިކް މޯލްޑިވްސް އެވެ. އަދި ގާމިން މެރިންގެ ޑީލަރަކަށް ހަމަޖައްސާފައިވަނީ އަލްޝާލީ މެރިން މޯލްޑިވްސް އެވެ.

ގާމިން ގަޑިއަކީ މިހާރު ދުނިޔޭގެ ކުޅިވަރު މައިދާނުގައި އެންމެ މަޝްހޫރުކަން ލިބިފައިވާ، އަދި ޒުވާނުން މެދުގައި އެންމެ ޓްރެންޑް ވަމުން އަންނަ އެއް ގަޑި އެވެ.

ކުޅިވަރާއި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ މީހުންގެ މެދުގައި ގާމިން ގަޑި މަޝްހޫރުވަމުން އަންނަނީ އެ ގަޑި އަޅައިގެން އެކިއެކި ކުޅިވަރުގައި އަދި އާންމު ދިރިއުޅުމައި ހަރަކާތްތެރި ވާއިރު އެ ގަޑިން ލިބިދޭ މުހިންމު މައުލޫމާތުގެ ސަބަބުންނެވެ.

ގާމިން ބްރޭންޑްގެ ގަޑިއެއް-- ސަން ފޮޓޯ/ފަޔާޒު މޫސާ

އެހެން ގަޑިތަކާ ހިލާފަށް ގާމިން ގަޑި ފަރުމާ ކޮށްފައިވާ ވަރުގަދަކަމާއި ގަޑީގެ ބެޓެރީ ލައިފްވެސް ދިގުވުމަކީ އެ ގަޑި މަޝްހޫރުވާ ސަބަބެކެވެ. ގާމިން ގަޑިއެއް އެއްފަހަރު ޗާޖް ކުރުމުން ހުރިހާ ފަންކްޝަނެއް ޖައްސައި ޖީޕީއެސް އޮން ކޮށްފައި ބެހެއްޓި ނަމަވެސް މަދުވެގެން 3-7 ދުވަހާ ދެމެދުގެ މުއްދަތަކަށް ބޭނުން ކުރެވެ އެވެ. އަދި އާންމު ދިރިއުޅުމުގައި 27 ދުވަހާ ހަމައަށް ބޭނުން ކުރެވެ އެވެ.

ގާމިން ގަޑިން ލިބިދޭ ބައެއް މައުލޫމާތު

  • މީހާގެ ހަށިގަނޑުގައި އޮކްސިޖަން ހުންނަ މިންވަރު – އެކިއެކި ހަރަކާތްތަކާ ގުޅިގެން ނުވަތަ ސިއްހީ މައްސަލައަކާއި ހެދި ނަމަވެސް މީހެއްގެ ހަށިގަނޑުގައި ހުންނަ އޮކްސިޖަންގެ މިންވަރަށް އަންނަ ބަދަލުތައް ދެނެގަނެ، އެ ބަދަލު ދައްކުވައިދީ އަދި ނުރައްކާތެރި މިންވަރަކަށް އޮކްސިޖަން ލެވެލް ވެއްޓޭނަމަ އެކަން އެންގުމާއި ސެޓް ކުރެވިފައިވާ ނަމްބަރަކަށް މެސެޖްކޮށް އެ މައުލޫމާތު ދިނުން

  • ނޭވާ ލާ ރޭޓް އަދި ވިންދު – އެކިއެކި ކުޅިވަރު ހަރަކާތްތަކުގައި މީހާގެ ނޭވާލާ ރޭޓަށާއި އެމީހެއްގެ ވިންދު ޖެހުމަށް އަންނަ ބަދަލުތައް ދެނެގަނެ އެ ބަދަލު ދައްކުވައިދިނުމުގެ އިތުރުން އެ މީހެއްގެ ނޭވާލާ ރޭޓް އަދި ވިންދު ނުރައްކާތެރި ލެވެލްއަކަށް ދާނަމަ އެކަން އެންގުމާއި ސެޓް ކުރެވިފައިވާ ނަމްބަރަކަށް މެސެޖްކޮށް އެ މައުލޫމާތު ދިނުން
  • ނިދީގި ތަފްސީލް – ކޮންމެ ދުވަހަކުވެސް އެމީހަކަށް ލިބޭ ނިދީގެ މިންވަރާއި އެމީހަކު ގަދަ ނިދީގައި ހޭދަވާ މިންވަރާއި މަޑު ނީދީގައި ހޭދަވާ މިންވަރުގެ އިތުރުން ނިދީގައި އެމީހަކު ހަރަކާތް ކުރާ މިންވަރު

މީގެ އިތުރުން ދުވުމާއި ހިނގުމާއި ފެތުން އަދި ޖިމްގައި ކުރާ އެކިއެކި ކަސްރަތު އަމިއްލައަށް ދެނެގަތުމާއި އެ ކުރާ ހަރަކާތްތަކާ ގުޅިގެން އެ ވަގުތަކު އެމީހެއްގެ ފިޓްނަސް ހުރި މިންވަރުގެ ތަފްސީލް އަދި ގަޑި ބޭނުންކުރި މުއްދަތެއްގައި އެ މީހެއްގެ ފިޓްނަސް ލެވެލް ދައްކައި އެމީހަކު އިތުރަށް ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ވެސް ގާމިން ގަޑިން ފޯރުކޮށްދެ އެވެ.