ގިނަ ރައްޔިތުންތަކެއް އެއްވެ ހިޔާލުފާޅުކޮށްހެދީމާ ސަރުކާރުން އެ ހިޔާލު ބަލައިގަންނާނެ ކަމަށާއި ދަނޑިބުރިބުރި ހިފައިގެން ބާރުބާރަށް ދުއްވާފައި ގޮސް ބިއްލޫރި ތެޅުމަކުންނެއް ސަރުކާރު އެކަމަކަށް އިޖާބައެއް ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ތ. އަތޮޅާއި ލ. އަތޮޅު ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރުމަށް ރޭ ގަމުގައި ބޭއްވި [ކޮޅުމަޑުލު، ހައްދުންމަތި – ތަރައްގީގެ ކުލަވަރު] ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އެއްވެސް ސަރުކާރެއް މަގުމައްޗަށް ނުކުމެ ވައްޓާނުލެވޭނެ ކަމަށާއި އެކަން އެންމެ ބޮޑަށް ސާފުވާނެ އެއްބަޔަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މާލޭގެ މައްމައްޗަށް، މާލޭގެ ވިޔަފާރިވެރިންނަށާއި މާލޭ ރައްޔިތުންނަށް އުނދަގޫ ކުރަން ނުކުންނަ ސަތޭކައެއްހާ މީހުންނަކަށް މި ސަރުކާރެއް ވެސް މި ރައްޔިތުންނެއް ވެސް ނުގުޑާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ފާޑުކިޔުމާއި ހިޔާލުފާޅުކުރުމަކީ ތަރައްގީއަށް ޓަކައި ބޭނުންވާ ކަންކަން ކަމަށާއި އެހެން ނަމަވެސް އެކަންކަން ދޫކޮށްލައި 24 ގަޑިއިރު ޓީވީ ޗެނަލްތަކުގައި ހަމައެކަނި ހަމަނުޖެހުން އުފެއްދުމަށް ވާގިދެމުން ގެންދިޔައިމާ ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ފާޑުކިޔުމުގެ ބަސްތަކުގެ އަޑު ސަރުކާރަކަށް ނީވޭނެ ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން އެތައް ބިލިއަން ރުފިޔާއެއްގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަމުން ގެންދާ ކަމަށާއި އެކަމަށް ސަރުކާރުން ބޮޑު ހަރަދުތަކެއް ކުރަމުން ގެންދާ އިރު، ވާދަވެރި ސިޔާސީ ޕާޓީތަކުން މިކަންކަން ބަލައި، ކަންކަން ކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ރަނގަޅަށްތޯ ބުނެދޭ ތަން ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި ތަރައްގީ ކުރަން އަޅުގަނޑުމެން މިއެދޭ ޑިމޮކްރަސީއަކީ ރަނގަޅު ވާދަވެރި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވެގެން، އެ ޕާޓީތަކުގެ ތަރައްގީގެ މެނިފެސްޓޯތައް ތަރައްގީގެ ވިލަރެސް ކުރެވުނު ޕްލޭންތައް ރައްޔިތުންނަށް ހުށަހެޅި، ރައްޔިތުންނަށް ރަނގަޅީ ކޮންގޮތެއްތޯ އަމިއްލައަށް ބަލައިގަނެވި، އޭގެތެރެއިން އެ ރައްޔިތުން އެދޭ ޕާޓީއަކަށް ވޯޓްދީ، އެ ޕާޓީއެއް ފަސް އަހަރު ދުވަސް ވަންދެން ސަރުކާރު ހިންގަމުން ގެންދިޔުން،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ދެތިން އަހަރެއް ވީމާ ގެއްލުނު އެތީގެ ބޮޑުކަމުން ލިބުނު ހިތާމައިގެ ފުންކަމުން ދެން ނުކުމެ އަލުން އަނބުރާ ވެރިކަމަށްޓަކައި އުޅޭ އުޅުމަކުންނެއް، ރާއްޖެއަށް މިލިބޭ ތަރައްގީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ،"

ރައީސް ވިދާޅުވީ މިދި އަހަރު އެކަނި ވެސް ސަރުކާރުން އުމްރާނީ ތަރައްގީއަށް 1.6 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ސަރުކާރަށް ލިބޭ އެއްޗެއް ރައްޔިތުންނަށް އަބަދުވެސް ހަރަދު ކުރަމުން ގެންދިޔުން ކަމަށާއި ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އައި ބަދަލުތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް ބޭއްވި އާ ރިޔާސަތެއް އެކުލަވާލެވި އާ ރައްޔިތުންގެ މަޖިލީހެއް އެކުލަވާލެވި ލާމަރްކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގުމަށްޓަކައި ކައުންސިލްތައް އިންތިހާބުކުރެވި، މިހުރިހާ ކަމެއް ބަދަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް، ފަނޑިޔާރުގޭގައި ބަދަލުވީ ކޮންކަމެއްތޯ އާއި، ފަނޑިޔާރުންގެ ތެރެއިން ބަދަލުވީ ކޮންބޭފުޅުންނެއްތޯ އަދި ފަނޑިޔާރުގޭގައި ކަންކުރާ އުސޫލަށް އައީ ކޮން ބަދަލެއްތޯ ރައީސް ސުވާލު ކުރެއްވި އެވެ. މި ރާއްޖޭގައި އިންސާފު ގާއިމްކުރެވޭ ގޮތްވުމަކީ ރާއްޖޭގެ ރައްޔިތުންގެ އުންމީދެއް ކަމަށާއި، އެއީ މި ސަރުކާރުގެ ވައުދެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވެސް އިންސާފްވެރި ފަނޑިޔާރުގެއެއް ގާއިމް ކުރައްވާފައި ނޫނީ، ކުރިއަށް އޮތް އިންތިހާބަކަށް ނުދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފަ އެވެ.

ރާއްޖޭގެ ތަރައްގީ އެންމެ ބޮޑަށް ގުޅިފައި ވަނީ އިންސާފާ ކަމަށާއި ލާމަރްކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިންގާއިރު އެމަނިކުފާނު އެދިވަޑައިގެންނަ ވަނީ ގާނޫނުގެ ވެރިކަމެއް ހިންގުން ކަމަށް ވިދާޅުވި އެވެ. ގާނޫނުގެ ވެރިކަން ހިންގާއިރު އެ ވެރިކަން ހިންގުމުގެ އަނެއް ނާރެހަކީ ފަނޑިޔާރުގެ ކަމަށާއި، އެ ފަނޑިޔާރުގެ ރަނގަޅަށް ގާއިމްކުރެވެން ޖެހޭނެ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.