ލަންޑަން (ފެބްރުއަރީ 2) : 2014 ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުން އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާން ޖަމާއަތް އަލުން އައުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށް ނޭޓޯއިން ތައްޔާރުކޮށްފައިވާ ސިއްރު ރިޕޯޓެއް ބުނެފި އެވެ.

މިރިޕޯޓް ބުނާގޮތުން ތާލިބާނުން މިހާރުވެސް ގެންދަނީ އެމީހުންގެ ސަފުތައް އަލުން އެކުލަވާލައި އެޖަމާއަތުގެ ބާރުގަދަކުރަމުންނެވެ. މިކަމުގައި ޕާކިސްތާނުގެ ޢަސްކަރީ އަދި ފަންނީއެހީ ތާލިބާނުންނަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށާއި ޕާކިސްތާނުގެ ސަރުކާރާއި ޖާސޫސީ އިދާރާ (އައި.އެސް.އައި) އިން ތާލިބާނުންނާއެކު ސިއްރު ގުޅުންތަކެއް ހިންގަމުން ގެންދާކަމަށް މިރިޕޯޓް ބުނެ އެވެ.

ލީކުވެފައިވާ މިރިޕޯޓާ ޙަވާލާދީ ލަންޑަންގައި ނުކުންނަ "ޓައިމްސް" ނޫސް ބުނިގޮތުގައި ތާލިބާނުންނާއެކު ޕާކިސްތާނުން އަދާކުރަނީ ދެފުށްދެގޮތް ޑަބަލް ރޯލެކެވެ. އެއްކޮޅުން ތާލިބާންއާ ދެކޮޅަށް އެމެރިކާކުރާ ހަނގުރާމައަށް އެއްބާރުލުން ދޭކަން ޕާކިސްތާނުން ދައްކާފައި އަނެއްކޮޅުން ތާލިބާން ހަނގުރާމަވެރިންނަށް ހަތިޔާރާއި ޖާސޫސީ މަޢްލޫމާތާއި ޢަސްކަރީ ފަންނީ އެހީތެރިކަން ޕާކިސްތާނުން ފޯރުކޮށްދެމުން ގެންދާކަމަށް މިރިޕޯޓް ބުނެއެވެ.

އިންޑިޔާއާ ކުރިމަތިލުމުގައާއި މެދުތެރޭ އޭޝިޔާގައި ޕާކިސްތާނުގެ ބާރާއި ނުފޫޒު ދެމެހެއްޓުމަށް ޓަކައި ތާލިބާނުންނަކީ ވަރަށް މުހިއްމު ޖަމާއަތެއްކަން ދަނެ ޕާކިސްތާން ގެންދަނީ އެކަމުގެ ފައިދާ ވަރަށްބޮޑަށް ނަގަމުން ކަމަށް މިިޕޯޓް ބުނެއެވެ.

އެމެރިކާއާއި ނޭޓޯއިން އަފްޣާނިސްތާނުގައި ލައްކައަކަށްވުރެ ގިނަ ސިފައިންނާއި ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން 10 އަހަރުވަންދެންކުރި ހަނގުރާމައިގާ ތާލިބާން ބަލިކުރުމުގައި އެމެރިކާއާއި ނޭޓޯވަނީ ފޭލްވެފަ އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ގިނަދުވަސްތަކެއްނުވެ އަފްޣާން ސަރުކާރު ވައްޓާލުމަށްފަހު ތާލިބާނުން އަލުން ވެރިކަމަށް އަންނާނެ ކަމަށް ނޭޓޯއަށް ވަރަށްބޮޑަށް ލަފާކުރެވޭ ކަމަށްވެސް މިރިޕޯޓް ބުނެއެވެ. (ޓައިމްސް)