އުމުރުން 25 އަހަރުން މަތީގެ މީހުންނަށް މިއަދު ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

އިއްޔެއާ ހަމައަށް ރާއްޖޭގައި ވަނީ 85،110 މީހަކަށް ކޮވިޑް ވެކްސިން ދީފަ އެވެ.

އެޗްޕީއޭ އިން ރޭ ބުނީ އުމުރުން 25 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ވެސް ކުރިއަށް ދާނެ ކަމަށް އެ އެޖެންސީން ބުންޏެވެ. މީގެ އިތުރުން، އެނދުމަތި ވެފައިވާ މީހުން ބަލަހައްޓާ މީހުންނަށް ވެސް ވެކްސިން ޖެހޭނެ އެވެ.

ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ހަވީރު 4:30 އަށް ވެކްސިން ޖެހޭނެ އެވެ. އެކަމަށްޓަކައި ހަ ވެކްސިނޭޝަން ސެންޓަރެއް މާލޭ ސަރަހައްދުގައި ވަނީ ގާއިމްކޮށްފަ އެވެ.

ވެކްސިން ސެންޓަރުތައް (މާލެ ސަރަހައްދު):

  • ސޯޝަލް ސެންޓަރު
  • އިސްލާމީ މަރުކަޒު
  • ވިލިމާލެ ޒުވާނުންގެ މަރުކަޒު
  • ހުޅުމާލޭ ކުރީގެ ފްލޫ ކުލިނިކް
  • ރައްޔިތުންގެ މަޖިލިސް
  • ޓްރީޓޮފް ހޮސްޕިޓަލް

މިއަދާ ހަމައަށް ވެކްސިން ދެމުން އައީ 30 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކު މީހުންނަށެވެ.

އެޗްޕީއޭގެ ނަންބަރުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 61،777 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 23،333 މީހުންނެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. އަދި އިތުރު އެއްލައްކަ ޑޯޒު އެގައުމުން ވަނީ މިހާރު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފަ އެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.

އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ފައިޒާ ވެކްސިން ވެސް ރާއްޖެ ގެނައުމަށް ވެސް ނިންމާފައި ވެއެވެ.