ބޫރުސަޢީދު (ފެބްރުއަރީ 2) : ފުޓްބޯޅަ މުބާރާތަކާގުޅިގެން މިސްރުގެ ރަށެއް ކަމަށްވާ ބޫރުސަޢީދުގެ ސްޓޭޑިޔަމެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި 73 މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެވެ.

މިހަމަނުޖެހުން ހިނގީ ބޫރުސަޢީދު ސްޓޭޑިޔަމްގައި އިއްޔެ ބޭއްވި މިސްރުގެ ވާދަވެރި ދެ ކްލަބް ކަމަށްވާ އަލްއަހްލީ އާއި އަލްމިސްރީ ކުޅުނު މެޗް ، 3-1 ން އަލްމިސްރީ ކާމިޔާބުކުރުމާ ގުޅިގެންނެވެ. މިނަތީޖާއާ ގުޅިގެން އަލްއަހްލީގެ ސަޕޯޓަރުންގެ ބަޔަކު ދަނޑުމައްޗަށް އަރައިގަނެ އަލްމިސްރީގެ ކުޅުންތެރިންނާއި ފަންނީ މީހުންގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގަންފެށުމުން އަލްމިސްރީ އަށް ތާއީދުކުރާ ފަރާތްތައްވެސް ދަނޑަށް އަރައި ތަޅާފޮޅަންފެށީއެވެ. މިކަން ނުހުއްޓުވި ގިނަވަގުތަކެއް ހޭދަވުމުގެ ސަބަބުން ދެފަރާތުންވެސް ގިނަޢަދަދެއްގެ ބަޔަކު މަރުވެ އަނެއްބަޔަކު ޒަޚަމްވީ ކަމަށް އަލްޖަޒީރާ ޚަބަރުދެ އެވެ.

އެންމެފަހުން ހަމަނުޖެހުންތައް ހުއްޓުވީ ސެންޓްރަލް ސެކިއުރިޓީގެ ރަޔަޓް ފުލުހުންވެދެ ބާރުގެ ބޭނުންކޮށްގެންނެވެ. މިހަމަނުޖެހުންތަކުގައި ބައެއް ކުޅުންތެރިންނަށް އަނިޔާވިނަމަވެސް ކުޅުންތެރިއަކު މަރުވެފައެއް ނުވެއެވެ. މަރުވީ ދެފަރާތުގެވެސް ސަޕޯޓަރުން ކަމަށް ޚަބަރުލިބެއެވެ. މި ޙާދިސާއާގުޅިގެން މިސްރުގެ ފުޓްބޯޅައިގެ އެތަށް މެޗްތަކެއް މިހާރުވަނީ ކެންސަލްކޮށްފައެވެ. (އަލްޖަޒީރާ)