ކިޔޭވް (ފެބްރުއަރީ 2) : ޔޫރަޕްގައި އާދަޔާ ޚިލާފަށް ފިނިގަދަވުމުގެ ސަބަބުން 100 އެއްހާ މީހުން މަރުވެއްޖެވެ. ނޫސްއެޖެންސީތައް ބުނާ ގޮތުން ޔޫރަޕްގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން ދަށަށް ގޮސްފައި ވަނީ އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގަ އެވެ.

މީގެތެރޭގައި ޔުކްރޭން، ބަލްގޭރިޔާ، ޕޮލެންޑް، ރުމޭނިޔާ، ޗެކް ރިޕަބްލިކް، ސްލޮވޭކިޔާ އަދި ބޯލްޓިކްގެ ޤައުމުތަކުގެ އިތުރުން ރަޝިޔާގެ ޔޫރަޕާގުޅިފައިވާ ސަރަޙައްދުތައް ހިމެނެ އެވެ. ފިނީގެ ސަބަބުން މީހުން އެންމެ ގިނައިން މަރުވެފައިވަނީ ޔުކްރޭންގަ އެވެ. ޔުކްރޭންގައި 43 މީހަކު ވޭތުވެދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ފިނީގެ ސަބަބުން މަރުވެފައިވާ ކަމަށް އެޤައުމުން ބުނެފައިވެ އެވެ.

ޔުކްރޭންގެ ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން މައިނަސް 30 ޑިގްރީ ސެލްސިއަސް އަށް ގޮސްފައިވާއިރު މޮސްކޯގެ ފިނހޫނުމިންވަނީ މައިނަސް 22 ޑިގްރީ ސެލްސިޔަސް ގައެވެ. އަދި ޕޮލެންޑްގެ ވެރިރަށް ވޯސޯގެ ފިނިހޫނުމިން މައިނަސް 26 ޑިގްރީ ސެލްސިޔަސް އަށް ގޮސްފައިވެ އެވެ. ފިނީގެ ސަބަބުން ގިނައިން މަރުވެފައި ވަނީ ގެދޮރު ނެތުމުގެ ސަބަބުން މަގުމަތީގައި ކައިބޮއި ނިދާ އުޅޭ މީހުންނާއި މުސްކުޅިން ކަމަށް ޚަބަރުލިބެ އެވެ. އިރުމަތީ ޔޫރަޕްގެ ގިނަ ޤައުމުތައް މިހާރު ވަނީ ސްނޯވްގެ ތޫފާނެއްގައި ކަމަށް އެޤައުމުތަކުގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެ އެވެ.
އިރުމަތީ ޔޫރަޕަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފު ފިނިކަން މަޑުމަޑުން ހުޅަނގު ޔޫރަޕަށް ވެސް މިހާރު ވަނީ ފެތުރެން ފަށާފަ އެވެ. މިގޮތުން ޖަރުމަނުގެ ބައެއް ރައްތަކަށް މިހާރު ވަނީ ފިނިކަން ފެތުރިފަ އެވެ. ފިނިގަދަވުމުގެ ސަބަބުން އިރުމަތީ ޔޫރަޕްގެ ޤައުމުތަކުގެ ދަތުރުފަތުރުތަކާއި ސްކޫލްތަކާއި ބައެއް ޢާންމު ޚިދްމަތްތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ގިނަ ޙަރަކާތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. (ނޫސްއެޖެންސީތައް)