ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ހޭންޑްލިން ފީގެ ގޮތުގައި ނަގާ އަގު ބޮޑުކަމުން ރާއްޖެ އަށް އުދުހުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގަތަރު އެއާވޭސް އިން ބުނެފި އެވެ.

ގަތަރު އެއާވޭސްއާ ހަވާލާދީ ރޮއިޓާސް އިން ބުނި ގޮތުގައި ރާއްޖޭގެ އެއާޕޯޓް އޮޕަރޭޓްކުރާ ޕްރައިވެޓް ކުންފުނި (ޖީއެމްއާރު) އިން ހޭންޑްލިން ފީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުން (އެނިންމުން ތަންފީޒުކޮށްފި ނަމަ) އެ އެއާލައިނަށް ގެއްލުންވާނެ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެ އަށް ދަތުރުކުރުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރާ ކުރިމަތިވެފައިވާ ކަމަށެވެ.

ރޮއިޓާސް ބުނީ ގަތަރު އެއާވޭސް އިން އެކަން ހާމަކުރީ މިއަދު ނެރުނު ބަޔާނެއްގައި ކަމަށެވެ.

ގަލްފުގެ އަރަބި ގައުމުގެ ފްލެގްޝިޕް ކެރިއާ އިން ބުނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ނަގާ ހޭންޑްލިން ފީ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާކަން އެ އެއާލައިނަށް އެނގުމުން "ހިތްވަރު އެލިފައިވާ" ކަމަށެވެ. އަދި އެ އިތުރުކުރުމުގެ ސަބަބުން މެދުކެނޑުމެއް ނެތި ރާއްޖ ެއަށް ދަތުރުކުރަމުން ދިޔަ ދިއުން ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށެވެ." ރޮއިޓާސްގައިވެ އެވެ.

ހޭންޑްލިން ފީ 51 ޕަސެންޓަށް ބޮޑުކުރަން ނިންމާފައިވާ ނިންމުމަކީ އެއްގޮތަކަށް ވެސް ގަބޫލުނުކުރެވޭ ނިންމުމެއް ކަމަށް ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަކުބަރު އަލް ބާކިރު ވިދާޅުވި ކަމަށް ވެސް ރޮއިޓާސްގެ ހަބަރުގައިވެ އެވެ.

"ރާއްޖޭގެ އިގުތިސާދު މުޅިން ބިނާވެފައި ވަނީ ޓޫރިޒަމްގެ މައްޗަށް ކަމަށް ވީހިނދު ހުއްދަ ނުހޯދާ އަޅާ މިފަދަ އަމިއްލަ ފިޔަވަޅުތަކުގެ ސަބަބުން އަހަރެމެން ނުވަތަ ބޮޑު އެހެން ބަޔަކު ހިދުމަތް ހުއްޓާލައިފި ނަމަ ،އޭގެ ގެއްލުން ވާނެ ބަޔަކީ ދިވެހި ރައްޔިތުން ، އެމީހުންނަކީ ޓޫރިޒަމަށް ބަރޯސާކުރާ ބަޔަކަށް ވާތީ އެމީހުންގެ ދިރިއުޅުމަށް އަސަރުކުރާނެ." ބާކިރު ވިދާޅުވި ކަމަށް ރޮއިޓާސްގައިވެ އެވެ.

ހޭންޑްލިން ފީ ބޮޑުކުރުމަށް ނިންމާފައިވާ ނިންމުމަކީ ވިސްނަން ޖެހޭ ވަރަށް ނުވިސްނާ ނިންމާފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ އެކަމާ މެދު އަލުން ވިސްނުމަށް އެއާޕޯޓް ހިންގާ ފަރާތަށް ބާކިރު ގޮވާލައްވާފައި ވެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ މުސްތަގުބަލާ މެދު ވިސްނަން ޖެހޭ ކަމުގެ މެސެޖް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ގަތަރު އެއާވޭސް އަކީ ރާއްޖެ އަންނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެ އަށް ދަތުކުރާ އެއް އެއާލައިނެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ އެއާލައިނަކީ ގިނަ ގައުމުތަކަކަށް ޝެޑިއުލްދަތުރުތައް ކުރާ އެއާލައިނެކެވެ.