ލ. ގަމުގައި ޢިމާރާތް ކޮށްފައިވާ ޓޫރިސްޓް ގެސްޓްހައުސް 'ރެވެރީޒް ޑައިވިން ވިލެޖް' ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު ހުޅުއްވައި ދެއްވައިފި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރެވެރީޒް ޑައިވިން ވިލެޖު ހިންގަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު މައްޗަންގޮޅި ކަބީލާގޭ ޢަބްދުލްމަޖީދާއި އޭނާގެ އަނބިކަނބަލުން، ކުންފުނީގެ ޑިރެކްޓަރު މައްޗަންގޮޅި މަނަސް ނީނާ މަންޞޫރު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ގެސްޓްހައުސް ހުޅުއްވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޓުއަރިޒަމްގެ ވިޔަފާރި ރާއްޖޭގެ ރަށްތަކަށް ތަޢާރުފް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އަށް ލިބެން ހުރި ވަސީލަތްތަކުގެ ތެރެއިން މި ރާއްޖެއަށް އެންމެ ރަނގަޅު ނަފާއެއް ލިބޭ ވަސީލަތަކީ މި ރާއްޖޭގެ ޤުދްރަތީ ރީތިކަން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ މިދެންނެވި ޤުދްރަތީ ވަސީލަތްތައް ބޭނުންކޮށްގެން، މިރާއްޖޭގެ މުއްސަނދިކަން، ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މީހުން އުޅޭ ރަށްރަށަށް ފަތުރުވެރިކަމުގެ ޞިނާޢަތް ފުޅާކުރެވުމުން، ވަޒީފާގެ ފުރްޞަތުތައް އިތުރުވާނެ ކަމަށެވެ. އަދި ރަށްރަށާ އަޅާލަން ޖެހޭ މިންވަރު ކިތަންމެތާކުން ބޮޑުވެގެންދާނެ ކަމަށާއި، ފެނާއި ނަރުދަމާއާއި ރަނގަޅު މަގުތަކުގެ ޚިދްމަތްތައް ދިނުމަކީ، ސަރުކާރުން ކުރައްވަންޖެހޭނެ ކަންކަން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.