ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް، މާލީ އެހީތެރިކަން ދިނުމަށް އިންޑިއާއިން ރާއްޖެއަށް ދޫކުރާ 50 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނާ ގުޅޭގޮތުން އިންޑިއާގެ އެގްޒިމް ބޭންކާއި ރާއްޖޭގެ ޑިފެންސް މިނިސްޓްރީއާ މަޝްވަރާކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުން ރާއްޖޭގެ ޑިފެންސްގެ ބޭނުމަށް ދޫކުރަން ހަމަޖެހިފައިވާ 50 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

އެ ލައިން އޮފް ކްރެޑިޓާ ބެހޭގޮތުން އިންޑިއާގެ އެގްޒިމް ބޭންކުގެ އޮފިޝަލުން މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުގެ ފަރާތުން ކަމަށެވެ.

"މި އެލްއޯސީގެ ދަށުން ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކަންކަން ނިންމާނީ ދިވެހި ސަރުކާރުގެ ފަރާތުން،" އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން އާންމުކޮށްފައިވާ ލައިން އޮފް ކްރެޑިޓާ ބެހޭ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ލައިން އޮފް ކްރެޑިޓްގެ ދަށުން ދޫކުރާ ފައިސާގެ 31.37 ޕަސެންޓަކީ ހިލޭ އެހީ އެވެ. އެހެންކަމުން ރާއްޖެއިން އަނބުރާ ދައްކަން ޖެހޭނީ 34،315،000 ޑޮލަރެވެ.

އެފައިސާގެ ތެރެއިން އަނބުރާ ދައްކަން ޖެހޭ ބައި ދައްކަން ޖެހޭނީ ފަސް އަހަރުގެ މޮރޮޓޯރިއަމްއަކާއެކު 1.75 ޕަސެންޓުގެ އިންޓްރެސްޓު ރޭޓުގަ އެވެ. އެ ފައިސާ އަނބުރާ ދައްކަން ޖެހޭނީ 20 އަހަރު ތެރޭގަ އެވެ.