09 Jul 2010, 10:31
14:30
ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހި ސިވިލް ސަރވިސް ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސަބަބުން ސަރުކާރުގެ ތަންފީޒީ ގުނަވަން ހިންގާނެ އެންމެ އިސްމީހުން ކަނޑައެޅުމުގައި، ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އޮންނަންވާނެ މިންވަރަށްވުރެ ދައުރު ހަނިވެގެންދާ ކަމުގައި ވިދާޅުވެ، އެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިބިލް ތަޞްދީޤު ނުކުރައްވައި، އަނބުރާ ފޮނުއްވި ސަބަބުތައް ބަޔާންކުރެއްވި އެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް މީހުން ހޯދުމާއި، އެމީހުންގެ ކިބައިގައި އެކަމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރިތޯ ބެލުމަކީ، ދައުލަތުގެ ތަންފީޒީ ބާރުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރަކަށްވާންވާނީ، ސަރުކާރުން އެކަން ކުރައްވާފައިވަނީ ރަނގަޅަށްތޯ ބައްލަވައި، ފާރަވެރިވެ، މަޖިލީހަށް ސަރުކާރުން އެނަންތައް ހުށަހެޅުއްވުމުން، އެނަންތައް ފާސްކުރެއްވުން ނުވަތަ ނުކުރެއްވުން ކަމުގައި ވިދާޅުވި އެވެ.
ޤާނޫނުއަސާސީގެ 180 ވަނަ މާއްދާގެ ށ ގައިވާ "ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން" މި ޢިބާރާތަށް ރައީސުލްޖުމްހޫރިއްޔާ އިޝާރާތް ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ކަމުގައި ފާސްކުރާނީ، ދައުލަތުގެ ވެރިޔާ ހުށަހަޅާ ނަންތަކެއްކަން، މި ޢިބާރާތުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވިދާޅުވި އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ މަސައްކަތަކީ، ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަމެއް ނޫންކަމާއި، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުމަކީ ދައުލަތުގެ ވެރިޔާގެ ޙައިޘިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރާ ކަމެއްކަން، ޤާނޫނުއަސާސީގެ އެހެނިހެން މާއްދާތަކުންނާއި އަދި ޢަމަލު ކުރެވިފައިވާ އުޞޫލުތަކުން ސާފުވާކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ޙައްލު ކުރެއްވުމުގައި، ރައީސް ރާޖަޕަކްސައާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފްޞީލުވެސް ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ނަންފުޅުތައް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، އެމަޖިލީހަށް ފޮނުއްވުމުގެ ކަންތައް، އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދަވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ހިތާބުގައި ވިދާޅުވި އެވެ.