01 Feb 2012, 19:06
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ހިއްސާ އޮންނަ، އާޓިފިޝަލް ބީޗްގައި ހިންގާ ފުޑް ކޯޓް (މރ. ޗިކޯ ރެސްޓޯރެންޓު) އިން ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކައި ހިންގާތީ ސިޓީ ކައުންސިލްގެ އެންގުމަށް ފެނާއި ކަރަންޓް ކަނޑާލުމަށް ފަހު އެއްވެސް ސަބަބެއް އެންގުމެއް ނެތި އަލުން ކަރަންޓާއި ފެން ގުޅައިދީފި އެވެ.
ސިޓީ ކައުންސިލް އިދާރާގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކުރައްވާ މިއަދު ވިދާޅުވީ ފުޑް ކޯޓު ބަންދުކުރަން ސިޓީ ކައުންސިލުން އެންގުމުން ވެސް އެތަން ބަންދު ނުކުރާތީ އެތަނުން ކަރަންޓާއި ފެން ކަނޑާލުމަށް ސިޓީ ކައުންސިލުން ސްޓެލްކޯ އާއި އެމްޑަބްލިޔު އެއްސީ އަށް އެންގި ކަމަށާއި އެ އެންގުމާ އެއްގޮތަށް މިދިޔަ ހޯމަ ދުވަހު އެ ތަނުން ފެނާއި ކަރަންޓް ކަނޑާލި ކަމަށެވެ. ނަމަވެސް އެ ދެ ހިދުމަތް ކަނޑާލިތާ 24 ގަޑިއިރު ނުވަނީސް ފެނާއި ކަރަންޓް އަލުން ގުޅައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިގެން ސަބަބެއް ނާންގާ. އަޅުގަނޑުމެންގެ އެންގުމަށް އަމަލުކޮށްފައި އެހާ އަވަހަށް އަލުން ކަރަންޓް ގުޅައިދިން ސަބަބެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
އެ ތަނަށް ފެނާއި ކަރަންޓް އަލުން ގުޅައިދިނީ ކީއްވެގެން ކަން ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އިން އަދި ޔަގީން ނުކުރެވި އެވެ.
ސިޓީ ކައުންސިލުން ޗިކޯ ބަންދުކުރަން މަސައްކަތް ކުރަނީ ވޭތުވެ ދިޔަ ތިން އަހަރަހެއްހާ ދުވަހުގެ ތެރޭގައި އެތަނުން ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި ރެސްޓޯރަންޓް އޮޕަރޭޓް ކުރަމުން ގެންދާތީ އެވެ. ސަން އަށް އެނގިފައިވާ ގޮތުގައި މަހަކު 149،000 ރުފިޔާ އަށް ކުއްޔަށް ހިފާފަފައިވާ ތަނުގެ ކުއްޔާއި ޖޫރުމަނާ އަށް އެތައް މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހިފައިވެ އެވެ. އަދި ޓްރޭޑުން އެ ތަނަށް ދޫކޮށްފައިވާ ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލްކުރިތާ ދެ އަހަރެއްހާ ދުވަސް ވެފައިވާ ކަން ވެސް ވަނީ އެނގިފަ އެވެ. ސިޓީ ކައުންސިލުން އެ މައްސަލައިގައި ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މުސްތޮފާ ސަން އަށް މިއަދު ވިދާޅުވީ އެތަނުން ފެނާއި ކަރަންޓް ކަނޑާލީ ސިޓީ ކައުންސިލުން އަންގައިގެން ކަމަށާއި ނަމަވެސް އެ މައްސަލަ ޝަރީއަތުން ހައްލު ކުރުމަށް ސިޓީ ކައުންސިލުގައި ސިޓީއަކުން އެދުމުން އެ ނިންމުން ސިޓީ ކައުންސިލުން އަނބުރާ ގެންދިޔަ ކަމަށެވެ.
އަދި އެތަނުގެ ކުލި މަހަކަށް 32،000ރ އަށް ކުޑަކޮށްދޭން ސިޓީ ކައުންސިލުން އެއްބަސްވެފައިވާ ކަމަށާއި އެގޮތަށް ލިޔުން ފޮނުވުމުން އޭނާ ފައިސާ ދައްކާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލަ ހޫނުވި އިރު އެމްޑީޕީއަށް ނިސްބަތްވާ ސިޓީ ކައުންސިލްގެ މެންބަރުން މިއަދު އެމްޑީޕީގެ އޮފީހުގައި ބައްދަލުވުމެއް ބޭއްވިކަން ވެސް ވަނީ އެނގިފަ އެވެ. ދާދިފަހުން ސިޓީ ކައުންސިލުން ބިޑަށް ލީ ފުޑް ކޯޓުތަކުގެ ތެރޭގައި ޗިކޯ ހިންގާ ބިން ވެސް ހިމެނެ އެވެ.