22 Feb 2021, 14:43
ވޮޝިންޓަން (ފެބްރުއަރީ 22): ބޯއިން 777 މަރުކާގެ މަތިންދާބޯޓުތަކުގެ ތެރެއިން ވަކި ބާވަތެއްގެ އިންޖީނު އަޅާފައިވާ ބޯޓުތައް ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލަން އެ ކުންފުނިން ލަފާ ދީފި އެވެ.
ބޯއިން އިން އެފަދައިން ބުނީ، ޕްރެޓް އެންޑް ވިޓްނީ 4000 އިންޖީން އަޅާފައިވާ 777 މަރުކާގެ މަތިންދާބޯޓެއް މިދިޔަ ހޮނިހިރު ދުވަހު ދަތުރު ކުރަމުން ދަނިކޮށް އިންޖީން ފެއިލްވި ފަހުންނެވެ.
އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް ފްލައިޓް 328 އެގައުމުގެ ޑެންވާއިން ހޮނޮލުލޫއަށް ދަތުރު ކުރަމުން ދަނިކޮށް އޭގެ ކަނާތް ފަރާތުގެ އިންޖީން ފެއިލްވެ، ޑެންވާގައި އަނެއްކާ ވެސް ޖައްސަން ޖެހުނެވެ. އަދި އެ އިންޖީނުގެ ބައިތަކެއް ބިމަށް ވެއްޓުނެވެ.
އެ ހާދިސާ ހިނގި ވަގުތު ބޯޓުގައި 231 ފަސިންޖަރުން ތިބި އެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ހާދިސާއާ ގުޅިގެން ބޯއިން ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ، ޕްރެޓް އެންޑް ވިޓްނީ 4000 އިންޖީން އަޅާފައިވާ 777 މަރުކާގެ ބޯޓުތައް ބޭނުން ކުރުން މެދުކަނޑާލަން އެދިފަ އެވެ.
"އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ އިރު، އަޅުގަނޑުމެންގެ ލަފަޔަކީ ޕްރެޓް އެންޑް ވިޓްނީ 4000-112 އިންޖީންތައް އަޅާފައިވާ 777 ބޯޓުތައް ބޭނުން ކުރުން ހުއްޓާލުން،" އެ ބަޔާނުގައިވެ އެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން ބުނި ގޮތުގައި އެ ގައުމުގައި މައްސަލަ ދިމާވި ބާވަތުގެ އިންޖީން އަޅާފައިވާ ބޯއިން 777 ބޯޓުތައް ބޭނުން ކުރަނީ ހަމައެކަނި ޔުނައިޓެޑް އެއާލައިންސްއިންނެވެ. އަދި އެ މޮޑެލް ދެން ބޭނުން ކުރަނީ ޖަޕާނާއި ދެކުނު ކޮރެއާގަ އެވެ.
މީގެ އިތުރުން އެފްއޭއޭ އިން ވަނީ ޕްރެޓް އެންޑް ވިޓްނީ އިންޖީން އަޅާފައިވާ ބޯއިން 777 އިތުރަށް އިންސްޕެކްޓު ކުރުމަށް އަންގާފަ އެވެ. އަދި އެ އިންޖީން އުފެއްދި ކުންފުނިން ވަނީ ޔުނައިޓެޑްގެ ހާދިސާ ތަހުގީގު ކުރާ އިރު އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.
ޔުނައިޓެޑް އިން މިހާރު ވަނީ އެ އެއާލައިނުން ބޭނުން ކުރާ 777 މަރުކާގެ 24 ބޯޓު ގްރައުންޑް ކޮށްފަ އެވެ. އަދި ޖަޕާނުން ވަނީ އެގައުމުގައި ބޭނުން ކުރާ އެ މޮޑެލްގެ 32 ބޯޓުވެސް ބޭނުން ނުކުރާނެ ކަމަށް ބުނެފަ އެވެ.
ދެކުނު ކޮރެއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބޯއިން 777ގެ މައްސަލަ ކުރިއަށްދާ ގޮތް ބަލަމުންދާ ކަމަށް ބުނި ނަމަވެސް، އެ ހާދިސާއާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ނުވެ އެވެ.