މައްސަލައަކަށް ވެގެން އުޅެނީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ހެދުން ނޫން ކަމަށާއި، މައްސަލައަކީ އެތަނުގައި ޑޮކްޔާޑު ހަދަން އިންޑިއާ ސަރުކާރާއެކު ވީ އެއްބަސްވުން ސިއްރު ކުރުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑާއި ބަނދަރު ތަރައްގީކުރަން އިންޑިއާ އާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ހަދަން ވީ އެއްބަސްވުން ކުއްވެރި ކުރާ ކަމަށެވެ.

ސައީދު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާނެ އެފަދަ އެއްވެސް އެބަސްވުމެއް މީގެކުރިންވެސް ދެންވެސް އަދި ކުރިއަށް އޮތްތަނުގައިވެސް ޕީޕީއެމް ޕީއެންސީއިން ނުހަދާނެ ކަމަށެވެ.

"ޑޮކްޔާޑެއް ހަދަން ޖެހޭކަން ގަބޫލު ނުކުރާނެ ދިވެހި ރައްޔިތަކު ނުހުންނާނެ. ޑޮކްޔާޑެއް ހެދުމެއް ނޫން ގޯސްވެގެން މިއުޅެނީ. އެއްބަސްވުން ސިއްރުކުރާ މައްސަލަ އެއްމައްސަލައަކީ. ދެވަނަ މައްސަލައަކީ ބޭރު ގައުމެއްގެ ސިފައިން މިގައުމުގެ ބައިތިއްބާ އެކަން މި މަޖިލީހަށް ދިވެހި ރައްޔިތުންނަށް އޮޅުވާލާ މައްސަލަ. ސިއްރުކުރާ މައްސަލަ." ސައީދު ވިދާޅުވި އެވެ.

ބޭރު ގައުމެއްގެ ސިފައިންނަށް މިގައުމުން ޖާގަ ދިނުމަކީ ބޮޑު ގޯހެއް ކަމަށް ސައީދު ވިދާޅުވި އެވެ. އޭގެ ސަބަބުން އއެކި ގައުމުތަކަށް އެތައް ފުރުސަތެއް ހުޅުވާލާ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަން ކަމަށް ހުރަސް އެޅޭނެ އެތައް ކަންތައްތަކެއް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވެފައި ވަނީ އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް އެޅުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމުވެ ތިބެވޭނެ ގޮތަށް އެއްބަސްބުން ފަރުމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ރާއްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށާއި، ނަމަވެސް އެއްބަސްވުން އެކުލަވާލީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުމެއް ހޯދުމަކާ ނުލާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އުތުރުތިލަފަޅު ތަރައްގީކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅެއް ކަމަށާއި އަދި އިންޑިއާ އާއެކު މަޝްވަރާތަކެއް ވެސް ކުރީ ސަރުކާރުން ކުރި ކަމަށެވެ.

އިންޑިއާއިން ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެގައުމުގެ އަސްކަރިއްޔާގެ އެއްވެސް މީހަކު ނުތިބޭނެކަމަށް އެމްއެންޑީއެފް އިން އިއްޔެ ވަނީ ބުނެފަ އެވެ.

ސޮއިކުރީ ބަނދަރާއި ޑޮކްޔާޑު ތަރައްގީކުރުމަށް ކަމަށް ވާއިރު، އިންޑިއާގެ ފަންނީ މީހުން އައިސް އެތަނުގައި ހަދާ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އެމްއެންޑީއެފް އިން ބުންނެވެ.

އެ އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.