01 Feb 2012, 18:22
މޫނޫބުރުގާ އަޅައިގެން ކުލާހަށް ދިޔައީ ގއ. ދާންދޫ ބީޗްވިލާ، މެހެނާޒު ހުސެއިން ކަމެއް ޔަގީންނުވާ ކަމަށާއި މޫނުބުރުގާ އަޅައިގެންދިޔަ މީހަކީ ކާކުކަން އައިޑެޓިފައިކުރެވޭނެ ގޮތެއް ނެތްކަމަށް ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން ބުނެފި އެވެ.
ކުއްލިއްޔާ އިން މިހެން ބުނީ ސިވިލްކޯޓަށް ހުށަހެޅިފައިވާ މައްސަލައާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން މެހެނާޒު އަށް މޫނުބުރުގާ އަޅައިގެން ތައުލީމު ހާސިލުކުރުމަށް ކުއްލިއްޔާ އަށް ދެވޭނެ ކަމަށް ސިވިލްކޯޓުން ކުރި އަމުރަށް ކުއްލިއްޔާ އިން ތަބާނުވާކަމަށް ބުނެ ހުކުމް ތަންފީޒު ކުރުމަށް މެހެނާޒު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުއްލިއްޔާގެ ލެކްޗަރާ އަދި ކުއްލިއްޔާގެ ސްޓޫޑޭންޑެންޓް އެފެއާޒު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ރަޝީދު ވިދާޅުވީ މޫނުބުރުގާ އަޅައިގެން ކުއްލިއްޔާ އަށް ދަނީ މެހެނާޒުކަން ބެލޭނެ ގޮތެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ އެތާގައި ވަޒީފާ އަދާކުރާ ދެ އަންހެން މުވައްޒަފުންގެ ތެރެއިން އެކަކު ޗުއްޓީގައި ހުރި އިރު އަނެކަކު ހުރީ ސަލާމުގައި ކަމަށާއި އެހެންކަމުން މޫނުބުރުގާ އަޅައިގެން ހުރީ މެހެނާޒުކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ މޫނުބުރުގާ އަޅައިގެން ހުރީ ކާކުކަން ބެލޭނެ އިންތިޒާމް ކުއްލިއްޔާ އިން ހަމަޖައްސަން ޖެހޭނެ ކަމަށާއި މޫނުބުރުގާ އަޅައިގެން ހުރީ ކާކުތޯ ބެލޭނެ އިންތިޒާމެއް ނެތްކަމަށް ވިދާޅުވެ ހުކުމް ތަންފީޒު ނުކޮށް ތިބެގެން ނުވާނެ ކަމަށެވެ.
ޝުޖޫން ވިދާޅުވީ މޫނުބުރުގާ އަޅައިގެން ހުރީ މެހެނާޒުތޯ ކަށަވަރުކުރަން ޖެހޭނީ އަންހެނަކު ލައްވައި ކަމަށާއި އެކަން ކުރުމަށް މާދަމާގެ ނިޔަލަށް ކުއްލިއްޔާ އަށް ފުރުސަތު ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް އަންނަ އާދީއްތަ ދުވަހު ބާއްވާނެ ކަމަށާއި އެ ދުވަހާ ހަމަޔަށް ކުއްލިއްޔާ އިން ކޯޓު އަމުރު ތަންފީޒު ނޮކޮށްފި ނަމަ ރާއްޖޭގެ މިހާރުގެ މާހައުލު އޮތްގޮތުން އެކަމުގައި އެހެން ގޮތަކަށް ދެކެން ޖެހިދާނެ ކަމަށެވެ.