01 Feb 2012, 17:49
ދ. ކުޑަހުވަދޫ ސަމަންދަރުގޭ، އަލީ ހަސަން(އައްޔުބެ)ގެ މެޔަށް ދަގަނޑުޖަހައި ތޫނު އެއްޗަކުން ކަރުބުރިކޮށްލައި ރަހުމްކުޑަ ގޮތަކަށް މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހެއް ޝަރީއަތްނިމެންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ކުޑަހުވަދޫ، ފަނަސް، ފައުޒާމް މުހައްމަދު ޝަރީއަތް ނިމެންދެން ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ ފުލުހުން އެގޮތަށް އެދުމުން މިއަދު ހަވީރު ފައިޒާމް ކޯޓަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ޝަރީއަތުގެ މަޖިލީހެއް ބޭއްވުމަށް ފަހު އެވެ.
މީގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ހަވީރު 4:00 އަށް ވަނީ ޖުވެނައިލް ކޯޓަށް ގެންގޮސްފަ އެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އަދި ސާފްވާގޮތެއް ނުވެ އެވެ.
އެ ކުއްޖާއަކީ ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލުކުރަމުން އަންނަ ކުއްޖެކެވެ.
ރަހުމްކުޑަ ގޮތަކަށް އައްޔުބެ މަރާލި މައްސަލައިގެ ތުހުމަތަށް އެ ދެމީހުންގެ އިތުރުން، އިތުރު ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އެ މީހުންނާ ބެހޭ މައުލޫމާތު ދެވެން ނެތްކަމަށް ފުލުހުން ބުނެ އެވެ.
އައްޔުބެއަކީ ގެމެންދޫން ކުޑަހުވަދު އަށް ހިޖުރަކުރި މީހެކެވެ.