ކުރިން ޕޮޒިޓިވް ކޭސްތައް ފެނުނު ކްލަސްޓާއާ ގުޅުން ނެތް އާ ކްލަސްޓާއެއް ފެނިއްޖެ އެވެ.

މިރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާ ކްލަސްޓާއެއް ފުވައްމުލަކުން ފެނިފައިވާ ކަމަށާއި އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި މީހުންވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"ފުވައްމުލަކުގައ މިހާރު ހުރި ކޭސްތަކާ ލިންކް ނުވާ އިތުރު ކޭސްއެއް ފެނި އެ ކޭސްއާ ގުޅުން ހުރި އިތުރު ހަ މީހަކު މިއަދު މި ވަނީ ޕޮޒިޓިވެވްފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ފުވައްމުލަކުގައި ކޮވިޑު ފެތުރޭކަން އެނގުނީ މި މަހުގެ ހަތްވަނަ ދުވަހު އެރަށުން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އޭނާ އާއި ގުޅުންހުރި އިތުރު ބަޔަކު ޓެސްޓުކުރި އިރު އޭގެ ތެރެއިން އިތުރު އަށް މީހަކު ޕޮޒިޓިވްވި އެވެ. މިހާތަނަށް ފުވައްމުލަކުން ވަނީ 36 އަކަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ.

އަތޮޅުތެރޭގައި ކޮވިޑް ފެތުރޭ މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު އަތޮޅުތެރޭގައި ޖުމްލަ 43 ރަށެއްގައި 223 އެކްޓިވް ކޭސް ވާ ކަމަށް އެޗްއީއޯސީއިން ބުންޏެވެ.