22 Feb 2021, 08:01
ނާގްރާޖް މަންޖޫލޭ ޑައިރެކްޓްކޮށް ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަން ލީޑު ރޯލު ކުޅޭ ފިލްމު "ޖުންދު" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.
މިހާރު އޮތްގޮތުން މި ފިލްމު ރިލީޒްކުރާނީ ޖޫން މަހުގެ 18 ވަނަ ދުވަހު ސިނަމާތަކުގައެވެ. މިއީ މި ފިލްމަށް ތާރީޚެއް ދިން ހަތަރު ވަނަ ފަހަރެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް ފިލްމު އޮކްޓޯބަރު މަހަށް ފަސްކުރިއެވެ. އަނެއްކާ ވެސް ފިލްމު އަޅުވާ ތާރީޚު ބަދަލުކޮށް ދެން ފިލްމު އަޅުވަން ނިންމީ މިދިޔަ މެއި މަހުގައެވެ. ނަމަވެސް ފިލްމު އަޅުވަން ހަމަޖެހިފައިވާ ތާރީޚު އައިއިރު ވަނީ ކޮވިޑް19 އާ ގުޅިގެން އިންޑިއާގެ ސިނަމާތަށް ބަންދުކޮށްފައެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ޓީޒާ އެއް އާންމުކޮށްފައިވާއިރު މިހާރު ވަނީ ޖުންދުގެ ޕޯސްޓަރެއް ވެސް އާންމުކޮށްފައެވެ. މި ފިލްމުގައި ކިޔައިދެނީ އިންޑިއާގެ ފަގީރު ހިސާބެއްގައި ފުޓްބޯޅަ ކުޅެން އުޅޭ ކުދިންތަކެއް ކުރިއަރުވަން މީހެއް ކުރާ މަސައްކަތެވެ.