މިދިޔަ އަހަރުގެ ފަހު ތިން މަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ވިޔަފާރި ފައިދާގެ ކޮންސެޝަންފީގެ ގޮތުގައި ސަރުކާރަށް ދެއްކި ފައިސާގެ ތެރެއިން އެއް ލައްކަ ޑޮލަރު އުނިކުރުމަށް ފަހު ޖީއެމްއާރުން 7.79 މިލިއަން ޑޮލަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ދައްކަފި އެވެ.

އެ ކުންފުނިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ އެއާޕޯޓު ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ނުނެގޭނެ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެއާޕޯޓުން ނަގަމުން އައި އިންޝުއަރެންސް ސާޗާޖްގެ ދެ ޑޮލަރު ނެގުން ވެސް ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތިން މަހުން އެއްމަހު ޖީއެމްއާރުން ސަރުކާރަށް ދައްކަން އެއްބަސްވެފައިވާ، މިދިޔަ އަހަރުގެ ފަހު ތިން މަހަށްވާ ވިޔަފާރި ފައިދާގެ ކޮންސެޝަންފީ ދެއްކީ އިންޝުއަރެންސައްވާ އެއްލައްކަ ޑޮލަރު އުނިކުރުމަށް ފަހު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްއޭސީއެލް އިން އާންމު ކުރި ތަފާސްހިސާބުތަށް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ކޮންސެޝަންފީގެ ގޮތުގައި 7.79 ޑޮލަރު ސަރުކާރަށް ދެއްކި އެވެ. އެ ކުންފުނިން ބުނީ ކޮންމެ އަހަރަކު ވެސް ޖީއެމްއާރުން ސަރުކާރަށް ދައްކަން ޖެހޭ ފިކްޑް ކޮންސެޝަންފީގެ ތެރެއިން މިއަހަރަށްވާ 1.5 މިލިއަން ޑޮލަރު ވެސް ޖީއެމްއާރުން ދައްކާ ނިންމާފައިވާ ކަމަށެވެ.

ދެހާސް ދިހަ ވަނަ އަހަރުގެ ނޮވެމްބަރުގައި ޖީއެމްއާރުން އެއާޕޯޓާ ހަވާލުވި ފަހުން ސަރުކާރަށް ކޮންސެޝަންފީގެ ގޮތުގައި 4.5 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވެސް އެމްއޭސީއެލްއިން ލަފާކުރެ އެވެ.

ކޮންސެޝަންފީގެ މައްސަލަ ފެންމަތިވީ އެޑީސީގެ 25 ޑޮލަރަކީ ގާނޫނާ ހިލާފަށް ނަގާ އެއްޗެއް ކަމަށާއި އަދި ސަރުކާރާއި ޖީއެމްއާރާ ދެމެދެ ވެފައިވާ އެއްބަސްވުމުގައި އެ ފީއާ ބެހޭ ގޮތުން ބުނެފައިވާ އަކުރުތައް ގާނޫނާ ހިލާފު ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމް ކުރި ހިސާބުންނެވެ.

އޭޑީސީގެ 25 ޑޮލަރާއި އަދި އިންޝުއަރެންސްގެ ދެ ޑޮލަރު ސަރުކާރަށް ދައްކާ ފައިސާ އިން އުނިކުރަން ޖީއެމްއާރުން ހުށަހެޅި ގޮތަށް ސަރުކާރުން އެއްބަސްވުމުން ސަރުކާރަށް މަހެއްގެ މައްޗަށް ތިން މިލިއަނެއްހާ ޑޮލަރުގެ ގެއްލުންވާ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.

އެ މައްސަލަ މިހާރު އަންނަނީ އޭސީސީން ވެސް ތަހުގީގު ކުރަމުންނެވެ.