22 Feb 2021, 11:05
އާބާދީގެ ނިސްބަތުން ބަލާ އިރު ކޮވިޑް-19 ވެކްސިން އެންމެ ހަލުވި ކަމާ އެކު ޖަހަމުންދާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.
ފަގީރުކަމާއި ބަލިމަޑުކަން ފަދަ ދުނިޔޭގެ މައްސަލަތަކާ ބެހޭ ގޮތުން ދިރާސާ އާއި ތަފާސްހިސާބުތައް އާއްމު ކުރާ "އަވާ ވޯލްޑް އިން ޑޭޓާ"ގެ ވެބްސައިޓުގައިވާ ގޮތުން ކޮވިޑް ވެކްސިން ޖެހުމުގެ އެންމެ ކުރީގައި އުޅެނީ އިސްރާއީލް އެވެ. އެގޮތުން އެގައުމުގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 82.4 ޑޯޒް ޖަހާފައިވެ އެވެ.
ކޮވިޑް ވެކްސިން ޖެހުމުގެ ރޭހުގައި އިސްރާއީލާ އެންމެ ގާތް ކުރަނީ ސީޝެލްސް އާއި ޔޫއޭއީ އެވެ. އެގޮތުން ސީޝެލްސްގެ ކޮންމެ 100 މީހަކަށް ޖެހި ވެކްސިންގެ މިންވަރު 62.39އަށް އަރާ އިރު ޔޫއޭއީގެ އަދަދު 56.15އަށް އަރަ އެވެ.
އެއަށް ފަހު ވެކްސިން ޖަހާ ރޭޓު ކޮންމެ 100 މީހަކަށް 30 އާއި 10 ޑޯޒްއާ ދެމެދުގެ އަދަދަކަށް އަރަނީ ހަތް ގައުމެއްގަ އެވެ. އެއީ އިނގިރޭސިވިލާތް، އެމެރިކާ، ބަހުރެއިން، ޗިލީ، މަލްޓާ، ރާއްޖެ އަދި ސާބިއާގަ އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހާ ހަމަޔަށް ހޯދާފައިވާ މައުލޫމާތަށް ބިނާކޮށް އަވާ ވޯލްޑް އިން ޑޭޓާގައި ވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 100 މީހަކަށް ވެކްސިންގެ 12.9 ޑޯޒް ޖަހާފައިވާކަން ފާހަގަކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް 18,769 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު މިވަގުތު ފަރުވާ ދެމުން ދަނީ 2،488 މީހަކަށެވެ. އަދި ކޮވިޑް ޖެހިގެން 60 މީހަކު ވަނީ މަރުވެފަ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފެށީ މި މިމަހުގެ އެކެއްގަ އެވެ. އަދި މިހާތަނަށް 75،013 މީހުންނަށް ވެކްސިން ޖަހާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 56،979 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 18،034 މީހުންނެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ. އަދި މިހާރު 18 އާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނާއި 30 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖެހޭނެ އެވެ.