21 Feb 2021, 17:42
އުތުރުތިލަފަޅުގައި އިންޑިއާއިން ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެގައުމުގެ އަސްކަރިއްޔާގެ އެއްވެސް މީހަކު ނުތިބޭނެކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުލްލަތީފް ވިދާޅުވީ އެ މަސައްކަތުގައި އިންޑިއާގެ ޓެކްނިކަލް މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.
ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި، އެހެންކަމުން އެތަނުގައި އަސްކަރީ ބަޔަކު ނުތިބޭނެ ކަމަށެވެ.
"މީ އަސްކަރީ މަރުކަޒެއް ނޫން. މީ ޑޮކްޔާޑެއް. މީ އެލޯގްސައިޑެޑް ބަނދަރެއް. އެހެންވީމަ މިތަނަކު އަސްކަރީ އެއްވެސް ބަޔަކު ތިބޭގޮތަށް އޮތް ތަނެއް ނޫން މީކީ. އިންޑިއާ ސިފައިން ތިބޭގޮތަކަށް އޮތް ތަނެއް ނޫން މީކީ،" އޭނާ ވިދާޅުވި އެވެ.
މިއަދު އެއްބަސްވުމުގައި ސޮއިކުރީ ބަނދަރާއި ޑޮކްޔާޑު ތަރައްގީކުރުމަށް ކަމަށް ވާއިރު، އިންޑިއާގެ ފަންނީ މީހުން އައިސް އެތަނުގައި ހަދާ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
ސިފައިން މިހެން ބުނި ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެއީ އިންޑިއާ ސިފައިން އެ ތަނުގައި ގާއިމްވެ ތިބުމަށް ހަދާ ތަނެއް ކަމަށެވެ.
އުމަރުގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ އެ ޑޮކްޔާޑަކީ އިންޑިއާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް ބަނދަރު ކުރުމަށާއި އެ މީހުންގެ އުޅަނދުތައް މަރާމާތު ކުރުމަށާއި އިންޑިއާ ސިފައިން މި ސަރަހައްދުގައި ބޭތިއްބުމަށް މަގުފަހި ކުރަން އަޅާ ތަނެއް ކަމަށެވެ.