21 Feb 2021, 14:48
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ޑރ. މުހައްމަދު ޒާހިރު މިއަދު އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށް ފަތްކޮޅު ހަވާލުކޮށްފި އެވެ.
ޑރ. ޒާހިރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް މެންބަރުކަމުގެ ހުވާ ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އެވެ.
ޑރ. ޒާހިރު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާގެ ނަން ފާސް ކުރީ 37 މީހުންގެ ވޯޓުންނެވެ.
އޭނާ އަކީ ބެންކޮކްގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެންއައިޑީއޭ) އިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފަ އެވެ.
ޑރ. ޒާހިރަކީ، މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމާއި، ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސައެއްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަކްރަމް ވަކިކުރުމަށް ނިންމާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 19ގަ އެވެ.