ލ. ފޮނަދޫގައި ގާއިމް ކުރި ނަރުދަމާ ނިޒާމް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަވީރު އިފްތިތާހުކޮށްދެއްވުމަށް އެވެ.

ނަރުދަމާ ނިޒާމް އިއްތިތާހުކޮށްދެއްވަމުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މިކަމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، މިއީ ބޭރުގެ ލޯން އެހީގެ ދަށުން ހިންގި މަޝްރޫއެއް ކަމުގައި ވިދާޅުވި އެވެ. އަދި ސަރުކާރުން ލޯނު ނަންގަމުން ގެންދިއުމުގެ އެންމެބޮޑު ބޭނުމަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރަން ހުރި ކަންތައްތައް ކުރުން ކަމުގައި ވިދާޅުވި އެވެ.

ގައުމެއްގެ ގައުމީ އުފެއްދުންތެރިކަމުގެ 50 ޕަސެންޓަށްވުރެ މައްޗަށް، އެއްވެސް ބައެއްގެ ދަރަނި ގެންދިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދެކޭ ކަމަށާއި، ރާއްޖޭގެ ދަރަނީގެ މިންވަރަކީ ގައުމީ އުފެއްދުންތެރިކަމުގެ 40 އިންސައްތަ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިއަހަރުގެ ބަޖެޓްގެ ދަރަނިވެސް އުފުލުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ ރަށްރަށުގައި ކުރަން ހުރި ކަންތައްތައް ގިނަވުމާ އެކު ކަމުގައި ރައީސް ވިދާޅުވި އެވެ.

ފޮނަދޫގެ ފެނުގެ ކަންތައްތައް ވެސް ހަމަޖައްސަވައިދެއްވޭތޯ ސަރުކާރުން ގެންދަނީ ބައްލަމުން ކަމަށާއި، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، ރަށުގެ ފެނުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ހަމައެއާއެކު، ފޮނަދޫގެ މަގާއި އަދި ތަރައްގީއަށް ބޭނުންވާ ކިތަންމެ ކަމެއް، ސަރުކާރުން ވިލަރެސް ކުރަމުން ގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

ފޮނަދޫ ނަރުދަމާ ނިޒާމް، ރައީސް އިފްތިތާހުކޮށްދެއްވުމަށްފަހު، ސައުތު ސެންޓްރަލް ހެލްތް ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް އެމަނިކުފާނު ޒިޔާރަތް ކުރައްވައި، އެތާނގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވި އެވެ.