21 Feb 2021, 12:32
އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް މިއަދު އިންޑިއާއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރެވެ.
އުތުރުތިލަފަޅުގެ "ސިފަވަރު"ގައި ތަރައްގީކުރާ ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގެ ދަށުން އެކުލަވާލި އެއްބަސްވުމެކެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އަދި ބަނދަރަށް ބޭނުންވާ އެހެނިހެން އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރާނެ އެވެ.
އޭގެ އިތުރުން މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާގެ ފަންނީ މާހިރުން ދިވެހިން ތަމްރީނުކޮށްދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މި މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަނުގައި އިންޑިއާގެ އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ. ނަމަވެސް ތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ އިންޑިއާ އިން ކަމަށެވެ. ޑޮކްޔާޑުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހިންނަށް ވަރަށް ފުޅާކޮށް އޮންނާނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފް އިން ވަނީ ދީފަ އެވެ.
އެއްބަސްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑީއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ މިއަދު ސޮއިކުރި އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ މަސައްކަތް ފެށުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ކަމަށެވެ.
އެތަން ތަރައްގީކުރުމަށް 2013 ވަނަ އަހަރުން ފެށިގެން ގިނަ ގައުމުތަކަކާ އެކު މަޝްވަރާކޮށް، މަސައްކަތްތަކެއް ކުރެވިފައިވާކަން ވެސް އޭނަ ފާހަގަ ކުރެއްވި އެވެ. އިންޑިއާއާ އެކު މިއަދު އެއްބަސްވުމަކަށް އާދެވުނު އިރު، 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އިންޑިއާއާ އެކު އެކި ލެވެލްތަކުގައި ވާހަކަދެކެވި މަސައްކަތްތަކެއް ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯސްޓްގާޑުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖޭގައި ކަނޑުގެ އުޅަނދު ބޭނުންކުރަން ފެށި ހިސާބުން ފެށިގެން ވެސް އުޅަނދުފަހަރަށް ބޭނުންވާ މަރާމާތުކޮށް، އުޅަނދުފަހަރު އަޅާފައި ބެހެއްޓޭނެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ބޭނުންވުމުގެ މުހިންމުކަން ފާހަގަކުރަމުން އައި ކަމަށެވެ.
މަންސޫރު ވިދާޅުވީ މިހާތަނަށް ބޮޑެތި އުޅަނދުތައް ކަނޑުފަޅުގައި އަޅާފައި ބާއްވަން ޖެހުމާއި، މަރާމާތަށް އެހެން ތަންތަނަށް ގެންދަން ޖެހުމުގެ ސަބަބުން ހަރަދު ބޮޑުވެ ގިނަ ވަގުތު ނަގާ ކަމަށެވެ. ނަމަވެސް މިއަދު ސޮއިކުރި އެއްބަސްވުމާ އެކު އެއްގަމުން ކަރަންޓާއި ފެން ލިބޭ ގޮތަށް ބަނދަރު ތަރައްގީވެގެން ދިއުމާ އެކު މަރާމާތު އަވަސްވެ، ބޮޑުތަނުން ހަރަދު ކުޑަވެގެންދާނެ ކަމަށެވެ.
އެހެންކަމުން މިއަދަކީ ތާރީހީ ދުވަހެއް ކަމަށް މަންސޫރު ވިދާޅުވި އެވެ. ނަމަވެސް މިވަރުން އަދި ނުނިމޭނެ ކަމަށާއި، ދައުލަތުގެ ބަޖެޓުން ކެރިފޯރާ މިންވަރަަކުން އުތުރުތިލަފަޅުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމަޑާންޓް ކޯސްޓްގާޑް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ އެކަށީގެންވާ ބަނދަރެއް ނެތުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް މިހާރު ކުރިމަތިވާ ކަމަށާއި ނަމަވެސް އެ މަޝްރޫއާ އެކު ކޯސްޓްގާޑްގެ ހިދުމަތް ދިނުމުގައި މިހާރު ހުރި ގިނަ ދަތިތަކަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ޑޮކްޔާޑެއް ނެތުމުގެ ސަބަބުން މިހާރު އެމްއެންޑީއެފްގެ އުޅަނދުތައް މަރާމާތުކުރުމާއި ރީފިޓްކުރުމަށް ގެންދަނީ އިންޑިއާގެ ޑޮކްޔާޑަށެވެ.
މިހާރު ކޯސްޓްގާޑުން އަހަރަކު ގާތްގަނޑަކަށް 700 އަށް ވުރެ ގިނަ ޑިސްޓްރެސް ކޯލަށް އެޓެންޑުކުރަންޖެހޭ އިރު، 300 އެއްހާ އޮޕަރޭޝަން ކޯސްޓްގާޑުން ހިންގަ އެވެ. އޭގެ އިތުރުން ޓްރާންސްނޭޝަނަލް ކުށްތަކުގައި ވެސް ކޯސްޓްގާޑުން ހަރަކާތްތެރިވެ އެވެ. އަދި މެޑިކަލް އިވެކުއޭޝަންގައި ވެސް ކޯސްޓްގާޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.