އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް މިއަދުން ފެށިގެން ކޮވިޑް19 ވެކްސިން ލިބޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން 70،009 މީހަކު ވަނީ ކޮވިޑް19ގެ ވެކްސިން ޖަހައިފަ އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އުމުރުން 30 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް މިއަދުން ފެށިގެން ވެކްސިން ޖެހޭނެ ކަމަށެވެ. އަދި 18 އަހަރާއި 30 އަހަރާ ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ވެސް ކުރިއަށް ދާނެ ކަމަށެވެ.

އެޗްޕީއޭގެ ނަންބަރުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 53،669 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 16،340 މީހުންނެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. އަދި އިއްޔެ އިތުރު އެއްލައްކަ ޑޯޒު އެގައުމުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.

އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.